ޚަބަރު

ޒުވާން ވިޔަފާރިވެރިން އުފެއްދެވުމަށް މިއަހަރުވެސް ގެޓްސެޓް


ޒުވާން ވިޔަފާރިވެރިން އުފެއްދެވުމަށް ގެޓްސެޓް ޕްރޮގްރާމުގެ 2 ވަނަ ބުރެއް މިއަހަރު އިޢުލާން ކުރައްވައި  40 މިލިއަން ރުފިޔާގެ ސްކީމެއް މިއަހަރު ހުޅުވިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން މިހެން ވިދާޅުވީ މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގައި ރަސްމިއްޔާތުގައި ދެއްވި ރިޔާސީ ބަޔާނުގައެވެ. އެމަނިކުފާނު ވިދާޅުވީ މި ލޯންސްކީމް ހުޅުވިގެންދާނީ ވިޔަފާރީގެ ދާއިރާގައި ޙަރަކާތްތެރިވާ އަދި ވިޔަފާރީގެ ދާއިރާއަށް ވަނުމަށް ޝައުޤުވެރިވާ ޒުވާނުންނަށްކަމަށެވެ.ޒުވާން ވިޔަފާރިވެރިން އުފެއްދެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަށް ފާހަގަކުރައްވާ ވާހަކަފުޅުދައްކަވަމުން،  ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ގެޓްސެޓްގެ ނަމުގައި 34 ވިޔަފާރިއަކަށް މިއަހަރުގެ ތެރޭގައި ލޯނު ދޫކުރެވޭނެކަމަށާއި، މިކަމަށް 25.5 މިލިއަން ރުފިޔާ ކަނޑައަޅުއްވާފައިވާކަމަށެވެ. މި ލޯނުތައް ދޫކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް މިހާރު ހިނގަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.މީގެ އިތުރުން އައި.ޑީ.ބީ.ގެ އެހީގައި [ފަސޭހަ މަދަދު]ގެ ނަމުގައި  30 މިލިއަން ރުފިޔާގެ ސްކީމެއް އިޢުލާނު ކުރެވި، އެކަމުގެ ހުށަހެޅުންތައް ދިރާސާތައް ކުރިއަށްދާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އިޤްތިޞާދީ ގޮތުން އަންހެނުން ބާރުވެރިކުރުވުމަށް ހުރި ގޮންޖެހުންތަކާއި ފުރްޞަތުތަކަށް ބައްލަވާލައްވަމުން ރަޢީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމަނައިގެން، [ކައުންސިލް ފޮރ އިކޮނޮމިކް އެމްޕަވަރމަންޓް އޮފް ވިމެން] ގެ ނަމުގައި ކައުންސިލެއް އެކުލަވައިލައި، އެ ކައުންސިލްގެ މަސައްކަތްތައް މިހާރު ފަށްޓަވާފައިވާކަމަށެވެ. އަދި ގެވެށި އަނިޔާގެ ޢަމަލުތައް ރާއްޖޭގައި ފެތުރިފައިވާ މިންވަރާއި އެފަދަ ޢަމަލުތައް ހިނގަމުންދާ ނިސްބަތާއި، ސަބަބާއި، ޒާތާއި، ވަށްޓަފާޅިއާ ގުޅޭގޮތުން ކުރަންޖެހޭ ދިރާސާތައްކޮށް، އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅުއްވަމުން ގެންދަވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. ރާއްޖޭގެ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމަށް ސަރުކާރުން ކުރައްވާ ގިނަ ގުނަ މަސައްކަތުގެ ތެރެއިން ވަޒީފާ ބޭނުންވާ ޒުވާނުންނަށް ވޭތުވެދިޔަ އަހަރު އެކިއެކި ތަމްރީނު ޕްރޮގްރާމްތައް ވަނީ ހިންގަވާފައެވެ.