ޚަބަރު

ޕޫ އާއި ޕިގްލެޓް މިފަހަރު ބިރުވެރި ކެރެކްޓަރތަކެއްގެ ގޮތުގައި


"ވިނީ ދަ ޕޫ" ވާހަކައާއި ކާޓޫންގައި އުޅޭ ކެރެކްޓަރތަކަކީ ގިނަ ބައެއްގެ ކުޑައިރުގެ ހަނދާންތަކާ ގުޅިފައިވާ އަދި މިއަދުވެސް ކުޑަކުދިންގެ މެދުގައި މަޤުބޫލު ކެރެކްޓަރތަކެކެވެ.

ގިނަ ބައެއްގެ ފޭވަރިޓް ޗައިލްޑްހުޑް ކްލެސިކް، "ވިނީ ދަ ޕޫ" ގެ ފިލްމެއް ހަދަން އުޅޭކަން މިއަހަރުގެ ކުރީކޮޅު އިޢުލާންކުރުމާއެކު ގިނަ ބަޔަކު ދިޔައީ މި ފިލްމާމެދު ފޮނި އުއްމީދުތަކެއް ކުރަމުންނެވެ. އެހެންނަމަވެސް މިއީ ބިރުވެރި ފިލްމަކަށްވެގެން ހިނގައިދާނެކަމަކަށް ފިލްމު އިޢުލާންކުރިއިރު އެއްވެސް ބަޔަކު އުއްމީދެއް ނުކުރެއެވެ.

ކޮންމެއަކަސް ދިގު އިންތިޒާރަކަށްފަހު ޕޫ އާއި ޕިގްލެޓް ފެނިގެންދާ މި ފިލްމުގެ ޓްރެއިލަރ މިހާރު މިވަނީ އާއްމުންނަށް ދޫކޮށްލާފައެވެ. ކުޑަކުދިންގެ ފޭވަރިޓް ދެ ކާޓޫން ކެރެކްޓަރ މިފަހަރު ފެނިގެން މިދަނީ ވިލަނުންގެ ގޮތުގައި މީހުން މަރާ ބައެއްގެ ގޮތުގައެވެ.

ބިރުވެރި އަދި ލޭއޮހޮރުވުން ބޮޑު މަންޒަރުތަކެއް ފެނިގެންދާ މި ޓްރެއިލަރއާއެކު ގިނަ ބަޔަކަށް ހައިރާންކަން ވަނީ ލިބިފައެވެ.



"ވިނީ ދަ ޕޫހް - ބްލަޑް އެންޑް ހަނީ" އަކީ އިންޓެންސް އެންޑް އަންޕްލީޒެންޑް އެކްޝަން، ޑްރާމާ، ބިރުވެރި، އަދި ޑާކް ކޮމެޑީ އިން ފުރިގެންވާ ފިލްމެކެވެ. ޖެގްޑް އެޖް ޕްރޮޑަކްޝަން ކޮމްޕެނީން އުފައްދާ މި ފިލްމުގެ ވާހަކަ ލިޔެ ޑައިރެކްޓް ކުރަނީ ރީސް ފްރެކް ވޯޓަފިލްޑްއެވެ. މިއީ އޭނާ އަމިއްލައަށް ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމުވެސްމެއެވެ.

އިނގިރޭސިވިލާތުގައި ޝޫޓްކޮށްފައިވާ މި ފިލްމުގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފައިވަނީ މިދިޔަ ޖުލައި މަހު ތެރޭގައެވެ. ފިލްމުގެ ޕޯސްޓަރާއެކުވެސް ފިލްމަށް ގިނަ ބައެއްގެ ޝައުގު ދަމައިގެންފައިވާއިރު، އޮގަސްޓް 31 ގައި އާއްމުކުރި ޓްރެއިލަރއާއެކު މިއީ ހަމަ ގައިމުވެސް ތަފާތު ފިލުމަކަށްވެގެންދާނެކަން މިވަނީ ހާމަވެފައެވެ.

ބޮޑު ކާސްޓަކާއެކު ތައްޔާރުކުރާ މި ފިލްމުގައި ޕޫ ބެއާގެ ރޯލުން ފެނިގެންދާނީ ކްރެއިގް ޑޭވިޑް ޑޯސެޓެވެ. ޕިގްލެޓުގެ ރޯލުން ކްރިސް ކޯރޑެލް ފެނިގެންދާއިރު، ކްރިސްޓޮފަރ ރޮބިންގެ ރޯލުން ފެނިގެންދާނީ ނިކޮލައި ލިއޯނެވެ. މީގެ އިތުރުން އެމްބަރ ޑޯއިގް، މޭ ކެލީ، ނަތާޝާ ޓޮސީނީ އަދި މާރިއާ ޓެއިލަރ ފަދަ ތަރިންވެސް މުހިއްމު ރޯލުތަކުން ފެނިގެންދެއެވެ.

ފިލްމު ރިލީޒްކުރާނެ ތާރީޚު އަދި ރަސްމީކޮށް ހާމަކޮށްފައިނުވިނަމަވެސް މި ފިލްމު މިއަހަރުގެ ފަހުކޮޅު ސިނަމާތަކަށް އަންނާނެކަމަށް ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.