ޚަބަރު

ވިއްސާރައިގައި ގެއްލުން ލިބުނު ރަށްތަކަށް 1 މިލިޔަނަށްވުރެ ގިނަ ރުފިޔާ


މިއަހަރުގެ ޖުލައިމަހުގެ ތެރޭގައި ރާއްޖެއަށް ކުރި ވިއްސާރައިގައި ގެއްލުން ލިބުނު ރަށްރަށައް ފައިސާގެ ގޮތުގައި އެއް މިލިޔަނަށްވުރެ ގިނަ ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދަޅުވެއްޖެއެވެ.

ޖުލައި މަހު ކުރި ވިއްސާރައިގައި އެންޑީއެމްއޭއިން ވަނީ 277 ގޭބިސީ ފެންވަރުގައ ގެއްލުންތައް ކުރިމަތިވި ރަށްތަކުގެ ގެ ތަކުގެ އެސެސްމަންޓްތައް ހަދާފައެވެ. އަދި ޒަރޫރީ ހިފާ ގެންގުޅޭ ތަކެއްޗާއި ގޭގެ އިމާރާތަށް ގެއްލުންވެފައިވާކަން އެސެސްމަންޓުން 131 ގެއެއް ދައްކާކަމަށް އެންޑިއެމްއޭއިން ވިދަޅުވެއެވެ.

ޖުލައި މަހު ކުރި ވިއްސާރައިގައި ގެއްލުން ލިބިގެން އެންޑީއެމްއޭއަށް ރިޕޯޓް ކުރި 10 ރަށުގެ ތެރެއިން 9 ރަށަކަށް ވަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެންޑީއެމްއޭއިން ވިދާޅުވީ ވިއްސާރަވެ ގެއްލުން ލިބުނު ރަށްތަކުގެ ތެރެއިން 6 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބި އަލުން އާރާސްތުކުރަން ޖެހޭފަދަ ހާލަތަކަށް ގޮސްފައިވާކަމަށެވެ.

ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވީ ޖުލައި މަހު ކުރި ވިއްސާރައިގައި ގެއްލުން ލިބުނު ރަށްތަކުގެ ތެރެއިން ޒަރޫރީ ހިފާގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމަށް 294،562.60 (ދެލައްކަ ނުވަދިހަ ހަތަރު ހާސް ފަސް ސަތޭކަ ފަސްދޮޅަށް ދެ ރުފިޔާ ފަސްދޮޅަސް ލާރި )އަށް އަރާކަމަށެވެ. އަދި އިންފްރާސްޓްރަކްޗައަށް ލިބުނު ގެއްލުމަށް 961،725 ( ނުވަ ލައްކަ ފަސްދޮޅަސް އެއްހާސް ހަތް ސަތޭކަ ފަންސަވީސް ރުފިޔާ)އަރާކަމަށެވެ. މި ގެއްލުންތަކުން އަރައިގަތުމަށް 1،256،287.60 (އެއް މިލިއަން ދެ ލައްކަ ފަންސާސް ހަ ހާސް ދުއިސައްތަ އަށްޑިހަ ހަތް ރުފިޔާ ފަސްދޮޅަސް ލާރި)ގެ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ.

އެންޑީއެމްއޭއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު %47 ގެއެއްގެ ޒަރޫރީ ބޭނުންތަކަށް ގެއްލުން ލިބުނެވެ. އަދި %39 ދަނޑުބިންތަކަށް ގެއްލުން ލިބުނު އިރު %14 ހިއްސާކުރަނީ ވިޔަފާރިއާއި ސަރުކާރު އިމާރާތްފަދަ އެހެނިހެން ތަންތަނަށް ލިބިފައިވާ ގެއްލުންތަކެވެ.

ގެއްލުން ލިބުނު ރަށްތަކުގެ ތެރެއިން އެންމެ ގިނައިން ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވަނީ ތ. ތިމަރަފުއްޓަށެވެ. މިގޮތުން އެ ރަށަށް ވަނީ 500،000 ރުފިޔާގެ އެހިތެރިކަން ފޯރުކޮށްދީފައެވެ. ދެން އެންމެ ގިނައިން ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވަނީ ގދ. މަޑަވެއްޔަށެވެ. އެގޮތުން އެރަށަށް 300،000 އަށް ވުރެ ގިނަ ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައިވާިއރު ށ.ބިލެއްފެއްސައް ވަނީ 200،000 ރުފިޔާގެ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ވިއްސާރައިގައި ގެއްލުން ލިބުނުކަމަށް ރިޕޯޓްކުރި ރަށްތަކުގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ގޭގެ ފާރަށް ލިބުނު ގެއްލުންތަކެވެ. މިގޮތުން %34 ގޭގެ ފާރަށް ލިބުނު ގެއްލުން ހިއްސާކުރާއިރު %32 ރިޕޯޓްކޮށްފައިވަނީ ފާޚާނާއަށް ލިބުނު ގެއްލުމުގެ ގޮތުގައެވެ. ތަޅުންގަނޑަށް ގެއްލުންވެގެން %22 ގެތަކުން ރިޕޯޓްކޮށްފައިވާއިރު %10 ގެއިން ރިޕޯތްކޮށްފައިވަނީ ފުރާޅު އަދި ސީލިންގ ހަލާކުވެގެންނެވެ. މީގެ އިތުރުން %2 ގެ އިން ވަނީ ކަރަންޓް ވަޔަރިންނަށް މައްސަލަޖެހިގެން ރިޕޯޓްކޮށްފައެވެ.