ޚަބަރު

ފުވައްމުލަކު އެތެރޭގެ މަގުތަކުގައި ތާރުއަޅަން ފަށައިފި


ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތަކުގައި ތާރުއެޅުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަޝްރޫޢު ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިންނެވެ.

500 ހެކްޓަރުގެ ފުވައްމުލައް ސިޓީގެ އާބާދީ 12000އިން މައްޗަށް އަރައެވެ. ފުވައްމުލައް، "ފުވައްމުލައް ސިޓީ"އަށް ބަދަލުކޮށްފައިވަނީ 2017ވަނަ އަހަރުއެވެ. ސިޓީއަކަށް ބަދަލުވިނަމަވެސް، ފުވަމުލަކަށް ބޭނުންވާ ވަރަށްގިނަ ޚިދުމަތްތައް އޭރުވެސް ހުރީ ފުރިހަމަ ނުވެއެވެ.

ރަށުގެ ރައްޔިތުންގެ އެންމެ އުންމީދީ އެއް މަޝްރޫޢުއަކީ، ވާރޭވެހޭއިރު ރަށުގެ މެދަށް ޖަމާވާ ފެން ކޯރުތަކުގެ މައްސަލަ ޙައްލުކުރުމެވެ. ވާރޭ ވެހިއްޖެނަމަ، ގެތައް ހުންނަ ސަރަޙައްދުގައި ފޫޓަކަށް ފެންބޮޑުވާ ސަރަޙައްދުތައްވެސް އެބަހުއްޓެވެ.

2016ވަނަ އަހަރު ރަށުގެ ވަށަމަގުގައި ތާރު އަޅައިގެން ތަރައްޤީކުރަން ފެށިއެވެ. ނަމަވެސް އެ މަސައްކަތްވެސް ހުއްޓިފައި އޮތުމަށްފަހު، މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށް އަލުންފަށާ، މިދިޔަ އަހަރު އެ މަޝްރޫޢު މުޅިން ނިންމާލިއެވެ.

ފުރަތަމަ ފިޔަވަހީގެ މަސައްކަތަށްފަހު، ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތައް ތާރުއަޅައި ތަރައްޤީކުރަން އެމްޓީސީއާ ހަވާލުކުރީ 2020ވަނަ އަހަރުގެ ފަހުކޮޅުއެވެ. އަދި މިހާރު މިވަނީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ފަށާފައެވެ.

މި މަޝްރޫޢުގައި ހިމެނެނީ ފުވައްމުލަކުގެ އެތެރޭގެ 31 މަގެއްގައި ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތެވެ. އެއީ 95،239 އަކަމީޓަރުގެ ސަރަޙައްދެވެ. މުޅި މަޝްރޫޢުގެ ބޮޑު އިންސައްތައެއް މިހާރު ވަނީ ނިމިފައެވެ.

މި މަޝްރޫޢުގެ ދަށުން، 122,659 އަކަމީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް އެޅުމާއި، 95،239 އަކަމީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި، 27،450 އަކަމީޓަރުގެ ފުޓްޕާތް ހެދުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، މަގުބައްތި ހަރުކުރުމާއި، 19،940 މީޓަރުގެ ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 331.05 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

މި ޕްރޮޖެކްޓާއެކު، ފުވައްމުލައް ސިޓީގެ ފެން ބޮޑުމުގެ މައްސަލައަށް ބޮޑު ޙައްލެއް ލިބިގެންދާނެއެވެ. ވިއްސާރަ ދުވަސްވަރު ފުވައްމުލަކުގައި، މަގުތަކުގައި ފެން ބޮޑުވެ، އެކިއެކި ބޭނުންތަކުގައި މަގުތަކަށް ނިކުމެ އުޅުންވެސް އޮންނަނީ ރައްޔިތުންނަށް ދަތިކަމަށް ވެފައެވެ. އަދި މަގުތަކުގެ އަޑިގުޑަންވުމުގެ މައްސަލައަށްވެސް މި މައްސަލައާއެކު ޙައްލު ލިބިގެންދާނެއެވެ.