ޚަބަރު

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ގަވަރނިންގ ބޯޑް ރައީސް އެކުލަވާލައްވައިފި


ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ގަވަރނިންގ ބޯޑް، ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހު އެކުލަވާލައްވައިފިއެވެ. ގަވަނިން ބޯޑު އެކުލަވާލައްވާ، 6 ބޭފުޅަކު ވަނީ ބޯޑަށް އައްޔަންކުރައްވާފައެވެ.

ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ގަވަރނިންގ ބޯޑު:

1. މުޙައްމަދު ސާމިޢު (އެމްޓޭޝަންގެ، ރ.މަޑުއްވަރި)
2. ޑޮކްޓަރ ޙައްވާ ޢިނާޔާ ޢަބްދުއްރަޙީމް (އަލަމާގެ، ތ.ވިލުފުށި)
3. ފާތިމަތު ނަޝީދާ މުޙައްމަދު (މ.މުތާފުށި ، މާލެ)
4. ޢަލީ އިބްރާހީމް (ފައިވްސްޓަރ، ރ.ދުވާފަރު)
5. އާދަމް މާހިރު (މެޑޯޒް، ރ.އަލިފުށި)
6. މޫސާ ޢުމަރުމަނިކު (ޗަބޭލީގެ، ރ.ފައިނު)

މި ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރެއްވީ މުޙައްމަދު ސާމިޢުއެވެ. މި ބޯޑު އެކުލަވާލުމުގެ އެންމެ ބޮޑު ބޭނުމަކީ، ހޮސްޕިޓަލުން ދެމުން އަންނަ ޚިދުމަތުގެ ފެންވަރު ހިފަހައްޓާ، ހޮސްޕިޓަލްގެ ކުރިއެރުމަށް މަސައްކަތް ކުރުމެވެ.

މިބޯޑު އުފެއްދެވުމާ ގުޅިގެން ރ.އަތޮޅުގައިވާ ސަރުކާރުގެ 14 ޞިއްޙީ މަރުކަޒު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ދަށުން ބެލެހެއްޓެވުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.

އުނގޫފާރު ހޮސްޕިޓަލަކީ ސަރުކާރުން ޓަރޝަރީ ފެންވަރަށް ތަރައްޤީކުރާ، އަތޮޅުތަކުގެ 5 ހޮސްޕިޓަލްގެ ތެރޭގައި ހިމެނެއެވެ. މިކަމުގެ ޢަމަލީ މަސައްކަތްތައްވެސް ވަނީ ފަށާފައެވެ. އެގޮތުން އުނގޫފާރު ހޮސްޕިޓަލްގައި ތަރައްޤީކުރާ އައު އިމާރާތަކީ 10 ކޮޓަރީގެ ތަނެކެވެ. އައު އިމާރާތުގައި 10 އެނދުގެ އައިސީޔޫއަކާ، އަދި 10 ޕްރައިވެޓް ރޫމްވެސް ހިމެނެއެވެ. އަދި 2 އޮޕަރޭޝަން ތިއޭޓަރު ހުންނާނެއެވެ.

އުނގޫފާރު ހޮސްޕިޓަލްގެ އޯޕީޑީއަށް އެވްރެޖްކޮށް ދުވާލަކު 400 މީހުން ޑޮކްޓަރަށް ދައްކައެވެ. މިދިޔަ އަހަރު އެ ހޮސްޕިޓަލްގެ އޯޕީޑީއަށް 62000 ފަހަރު ޑޮކްޓަރަށް ދައްކާފައިވެއެވެ.