ޚަބަރު

ޒަމާނަށް ފެތޭފަދަ، ނަތީޖާ ނެރޭ ތަނަކަށް ފުލުހުންގެ މުއައްސަސާ ވުމަކީ އުންމީދެއް - ސީޕީ


އެކާވީސްވަނަ ގަރުނަށް ފެތޭފަދަ، ނަތީޖާ ނެރޭ މުއައްސަސާއަކަށް ފުލުހުންގެ މުއައްސަސާ ތަރައްގީވެގެން ދިއުމަކީ ކުރެވޭ އުންމީދެއްކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މިގޮތަށް ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހާގުޅިގެން ބޭއްވި، މުވައްޒަފުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މިނިވަން މުއައްސަސާތަކަށް ޖަވާބުދާރީވެ ފަރުދުންގެ ހައްގުތަކާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ އިންތިޒާމުތަކާއެކު، ކުށްކުރުން ހުއްޓުވުމާއި ކުށްކުރާ ފަރާތްތަކުގެ މައްސަލަތައް ހައްލުކުރެވި ދައުވާކުރެވޭނެ މިންވަރަށް ތަހުގީގާ ގުޅޭ އެންމެހައި ކަންކަން ފުރިހަމަވެގެން ދިއުމަށް އުންމީދު ކުރައްވާކަމަށެވެ.

އަދި ދިވެހި ފުލުހުންގެ ޚިދުމަތް ވަކި ޚިދުމަތަކަށް ބަދަލުވުމާ ގުޅިގެން އެންމެންގެ ސަމާލުކަން ލިބިގެންދިޔަ އެއްކަމަކީ ފުލުހުން އަޅާ ޔުނީފޯމާއި، ފުލުހުންގެ ދިދައާއި، ފުލުހުން އެކިއެކި ކަންކަމުގައި ބޭނުންކުރާ އުޅަނދުތައްކަން ފާހަގަކުރެއްވިއެވެ. އަދި އެ ބަދަލަކީ ސިފައިންގެ ފެހި ކުލައިން ފުލުހުންގެ ނޫ ކުލައަށް ބަދަލުވި ބަދަލުވުން އެކަނި ނޫންކަމަށާއި، މަދަނީ ފުލުހުންގެ ޚިދުމަތެކޭ ބުނެވޭއިރު އޭގެތެރޭގައި ވަރަށް މުހިންމު ފުޅާ ކަންތައްތަކެއް ހިމެނޭކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ އިހުސާސްތައް ދެނެގަނެގެން ރައްޔިތުންގެ ބޭނުންތަކަށް ފޯރުކޮށްދެވޭ ޚިދުމަތެއްގެ ގޮތުގައި ދެމިއޮތުމަށް ހިތްވަރު ލިބިގެންދާކަމަށް ވިދާޅުވިއެވެ. އަދި ވޭތުވެދިޔަ އަށާރަ އަހަރުގައި ފުލުހުންގެ ޚިދުމަތަށް އައިސްފައިވާ ބޮޑު ބަދަލާއެކު ރައްޔިތުން ދެކެމުން އައި ގޮތް ބަދަލުވެފައިވާ ކަމަށާއި، ފުލުހުންނާ މެދު ކުރެވޭ އިތުބާރު އިތުރުކުރުމަށް ގިނަ އާ ކަންތައްތަކެއް ކަނޑައެޅިފައިވާކަމަށް ވިދާޅުވިއެވެ.

"ފުލުހުންނާ މެދު ކުރެވޭ ޝަކުވާތައް ބަލައި އެފަދަ މައްސަލަތައް ހައްލުކޮށް ރައްޔިތުން އެދޭގޮތަށް ދިވެހި ފުލުހުންގެ ޚިދުމަތް ދިނުމަށް މިސްރާބު ބަދަލުކުރުމަށް ފުލުހުންގެ ޚިދުމަތުގެ ގާނޫނުގައި ގިނަ އާ ކަންތައްތަކެއް ތައާރަފު ކުރެވިފައިވޭ. އަދި ފުލުހުންގެ ޚިދުމަތުން މިސްރާބު ހިފާފައިވަނީ މި ނަތީޖާތައް ހާސިލުކުރުމަށް. އަދި ފުލުހުންގެ ޚިދުމަތަށް ރައްޔިތުންގެ ކިބައިން އިތުބާރާއި ޔަގީންކަން ހޯދުމަށް ފުލުހުން ކުރާ މަސައްކަތްތައް ވަރުބަލިވުމެއް މަޑުޖެހުމެއްނެތި ތަރުތީބުގެ ތެރެއިން ރާވައި، ކުރަމުން ގެންދާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވަން އަދި ފުލުހުންގެ ޚިދުމަތް މިހާރަށްވުރެ ބޮޑަށް ފުޅާކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ރައްޔިތުންގެ ބައިވެރިވުން ފުޅާކުރެއްވުމަށް ރައްޔިތުންނަށް އިލްތިމާސް ކުރަން." ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއެވެ.

އޭގެ އިތުރުން، 2004 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ފުލުހުންގެ ޚިދުމަތް ތަރައްގީވެފައިވާއިރު އެ ތަރައްގީގައި މިހާތަނަށް ފުލުހުންގެ މުއައްސަސާގައި ޚިދުމަތްކުރެއްވި ވެރިންނާއި މުވައްޒަފުން ފޯރުކޮށްދީފައިވާ ޚިދުމަތްތައް ހަނދާންކުރާ ކަމަށާ އަދި ފުލުހުންގެ ޚިދުމަތުގައި އިސްކޮށް ހަރަކާތްތެރިވި ވެރިންނަށާއި، އެކި ރޭންކުގެ ފުލުހުންނާއި މުވައްޒަފުންނަށް ޝުކުރުއަދާކުރެއްވިއެވެ.