ޚަބަރު

ފަނޑިޔާރުންނަށް ފުލެޓް ލިބޭ އިސްލާހުގައި ހުރި ކަންބޮޑުވުންތައް ޙައްލުކުރަނީ!


ފަނޑިޔާރުންގެ ޤާނުނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ފަނޑިޔާރުންގެ ކަންބޮޑުވުން ހުރި އިސްލާހުތަކަށް ހައްލު ގެނައުމަށް ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތު ނިންމައިފިއެވެ.

ފަނޑިޔާރުންނަށް ލިބިދޭ އިނާޔަތްތަކުގެ އޮނިގަނޑު އިސްލާޙް ކުރުމަށާއި އެނޫންވެސް ބައެއް މުހިންމު އިސްލާހުތައް ގެނައުމަށްޓަކައި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ސަރުކާރުގެ ފަރާތުން ފޮނުވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ފަނޑިޔާރުންގެ ތެރެއިން ދިރިއުޅޭނެ އަމިއްލަ ތަނެއްނެތް ފަނޑިޔާރުނަށް އެފަދަ ތަނެއް ހޯދޭނެ މަގު ފަހިކޮށްދިނުން ހިމެނެއެވެ.

ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރެއިން އެންމެ ބޮޑު ކަންބޮޑުވުމެއް އޮތް އެއް އިސްލާހަކީ ފަނޑިޔާރުންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމަށް އޮތް އިސްލާހެވެ. އެއިސްލާހުގައި ވަނީ ސަރުކާރުން ނުވަތަ އަމިއްލަ ފަރާތްތަކުން ހިންގާ ބޯހިޔާކަމުގެ މަސްރޫޢޫތަކުގެ ދަށުން ދޫކުރާ ބިމާއި ފްލެޓަށް ފަނޑިޔާރުންނަށް ކުރިމަތިލެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށެވެ. މީގެ އިތުރުން ފަނޑިޔާރުންނަށް ލިބިދެވޭ އިނާޔަތްތަކުގެ ތެރޭގައި ހިމެނޭ ލިވިންގ އެލަވަންސް ފަނޑިޔާރުންނަށް ލިބިދެވޭ އުސޫލު އިސްލާޙްކޮށް، އެ ލިވިންގ އެލަވަންސްގެ މިންވަރު ފަނޑިޔާރުންގެ އަސާސީ މުސާރައިގެ %30 އަށްވުރެ މަދު ނުވާނެ އަދަދެއް ކަމުގައި ކަނޑައެޅުމަށްވެސް ވަނީ އިސްލާހު ހުށަހަޅާފައެވެ.

މިއިސްލާހުގައި ހުރި ކަންބޮޑުވުންތަކާއި ގުޅިގެން ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތު ވިދާޅުވީ ފަނޑިޔާރުންގެ ޤާނޫނުގެ އިޞްލާޙުގައިވާ ދިރިއުޅޭނެ އަމިއްލަތަނެއް ނެތް ފަނޑިޔާރުންނަށް ދިނުމަށް ކަނޑައަޅާފައިވާ ލިވިންގއެލަވަންސަކީ މިހާރު ފަނޑިޔާރުންނަށް ލިބެމުންދާ މުސާރައާއިޢިނާޔަތްތަކުން އެއްވެސް މިންވަރެއް އުނިނުވާނެ ގޮތަށް ލިބޭ އެއްޗެއްގެ ގޮތުގައި ހުށަހަޅާފައިވާ އެލަވަންސެއް ކަމަށެވެ.

އަދި ފަނޑިޔާރުން ދިރިއުޅޭ ރަށެއް ނުވަތަ ސިޓީއަކުން ގޯތި ނުވަތަ ފްލެޓަށް ކުރިމަތިލުމުގައި އެ ސްކީމެއް ހިންގޭ ރަށް ނުވަތަ ސިޓީއެއްގައި ފަނޑިޔާރު ދިރިއުޅޭނެ ތަނެއް ނެތްނަމަ ކުރިމަތިލެވޭ ގޮތަށް ހަމަޖެއްސުމަށް ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙު ގެންނަން ހުށަހަޅުއްވާނެކަމަށްވެސް ބަންޑާރަނައިބް ވިދާޅުވިއެވެ.

މީގެ އިތުން މީގެ އިތުރުން ފަނޑިޔާރުންނަށް ލިބިދެވޭ އިނާޔަތްތަކުގެ ތެރޭގައި ހިމެނޭ ލިވިންގ އެލަވަންސް ފަނޑިޔާރުންނަށް ލިބިދެވޭ އުސޫލު އިސްލާޙްކޮށް، އެ ލިވިންގ އެލަވަންސްގެ މިންވަރު ފަނޑިޔާރުންގެ އަސާސީ މުސާރައިގެ %30 އަށްވުރެ މަދު ނުވާނެ އަދަދެއް ކަމުގައި ކަނޑައެޅުމަށް މިހާރު ހުށަހަޅާފައިވާ އިސްލާހަށްވެސް ބަދަލު ގެނައުމަށް ވަނީ ނިންމާފައެވެ. އެގޮތުން ޤާނޫނަށް ޢަަމަލުކުރަން ފަށާތާ ވަކި މުއްދަތެއްގެ ތެރޭގައި ރިޓަޔަރކުރަން ބޭނުންވާ 65 އަހަރުން ދަށުގެ އަދި ކަނޑައެޅޭ ވަކި އުމުރަކަށްވުރެ މަތީ ޢުމުރުގެ ފަނޑިޔާރުންނަށް އެ ފުރުޞަތު ލިބޭ ގޮތަށް ޤާނޫނު އިޞްލާޙުކުރުމަށް ހުށަހެޅުމަށްވެސް ނިންމާފައެވެ.

ފަނޑިޔާރުންގެ ޤާނޫނަށް ބަންޑާރަ ނައިބް ހުށަހަޅާ އިސްލާހުތައް ކޮމެޓީ މަރުހަލާގައި ހުށަހެޅުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުންވެސް މިބިލުގައި ފަނޑިޔާރުންގެ ހުރި ކަންބޮޑުވުންތަކަށް ކޮމެޓީ މަރުހަލާގައި ބަދަލު ގެމައުމަށް ގެންނަންޖެހޭ އިސްލާހުތަކަށް ގެނެސް ބިލު މަޖިލީހުން ފާސްކުރުމަށް ކޮމެޓީންވެސް ދަނީ މަސައްކަތް ކުރަމުންނެވެ. މިބިލު ދިރާސާ ކުރަމުންދަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީންނެވެ.