އިނގިރޭސި ޕްރިމިއާ ލީގުގެ ލެސްޓާ ސިޓީއަށް ކުޅެމުން އައި ފްރާންސްގެ ޒުވާން ޑިފެންޑަރު ވެސްލީ ފޮފާނާ ޗެލްސީއަށް ސޮއިކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފޮފާނާ ޗެލްސީއަށް ސޮއިކޮށްފައިވަނީ ހަތް އަހަރު ދުވަހުގެ ދިގު މުއްދަތުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
ޗެލްސީން ވަނީ ފޮފާފާ އެ ޓީމަށް ގެންދިއުމަށްޓަކައި 70 މިލިޔަން ޕައުންޑް ހޭދަކޮށްފައެވެ. އެއާއެކު ފޮފާނާ ވެގެން ގޮސްފައިވަނީ ޕްރިމިއާ ލީގުގެ ކުލަބަކުން ސޮއި ހޯދި ތިންވަނައަށް އެންމެ އަގުބޮޑު ޑިފެންޑަރަށެވެ. އެންމެ އަގުބޮޑު ޑިފެންޑަރަކީ 2019 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑުން 80 މިލިޔަން ޕައުންޑް ހޭދަކޮށްގެން ގެނައި ހެރީ މެގުއާއެވެ. އަދި ދެވަނައިގައި އުޅެނީ 2017 ވަނަ އަހަރު ލިވަޕޫލުން 75 މިލިޔަން ޕައުންޑް ހޭދަކޮށްގެން ގެނައި ވާޖިލް ވެން ޑައިކްއެވެ.
އުމުރުން 21 އަހަރުގެ ފޮފާފާ ލެސްޓާ ދޫކޮށްލިއިރު، އޭނާ މީގެ ކުރިން އެ ޓީމަށް ސޮއިކޮށްފައިވަނީ 2020 ވަނަ އަހަރު ފްރެންޗް ލީގުގެ ސެއިންޓް އެޓިއެންއިންނެވެ. އަދި ވަނީ ލެސްޓާއަށް 37 މެޗު ކުޅެދީފައެވެ.
ޗެލްސީއަށް ސޮއިކުރުމަށްފަހު ފޮފާނާ ބުނީ އެ ޓީމަށް ބަދަލުވެވުމުން އުފާކުރާ ކަމަށާއި، ޗެލްސީގެ ޖާޒީގައި ކުޅެން ކެތް މަދުވެފައިވާ ކަމަށެވެ. އަދި އޭނާ ޗެލްސީއަށް އައީ ކާމިޔާބު ހޯދަން ކަމަށާއި، އަދި މިއީ ތަށި ހޯދުމަށް ތައްޔާރުވެފައިވާ ޓީމެއް ކަމަށްވެސް ވަނީ ބުނެފައެވެ. ފޮފާނާއަކީ މި ސީޒަނަށް ޗެލްސީން ހޯދި ހަވަނަ ކުޅުންތެރިޔާއެވެ.