ފްރެންޗް ލީގުގައި ޓޮލޫސްއާ ދެކޮޅަށް ކުޅުނު މެޗު އެންމެ ފަހު ޗެމްޕިއަން ޕީއެސްޖީން ކާމިޔާބުކޮށްފިއެވެ.
ރަށުން ބޭރުގައި ކުޅުނު މި މެޗު ޕީއެސްޖީން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޕީއެސްޖީންނެވެ. މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 37 ވަނަ މިނެޓުގައި ޕިއެސްޖީއަށް ކާމިޔާބުކޮށްދިނީ ލިއޮނެލް މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ނޭމާއެވެ.
އަދި އެ ޓީމުގެ ދެވަނަ ލަނޑު މެޗުގެ 50 ވަނަ މިނެޓުގައި މެސީ ތަނަވަސްކޮށްދިން އިތުރު ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ ކިލިއަން އެމްބާޕޭއެވެ. އަދި ފަހު ލަނޑު މެޗުގެ ފަހު މިނެޓުގައި ޕީއެސްޖީއަށް ކާމިޔާބުކޮށްދިނީ ހުއާން ބާނަޓެވެ.
މި މޮޅާއެކު ޕީއެސްޖީ މިހާރު އުޅެނީ ކުޅުނު ފަސް މެޗުން ލިބިފައިވާ 13 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. ލަނޑުގެ ތަފާތުން ޕީއެސްޖީއަށް ކުރި ލިބޭއިރު، ތާވަލުގެ ދެވަނަ އަދި ތިންވަނައިގައި އުޅޭ ލެންސް އާއި އޮލިމްޕިކް މާސޭއަށްވެސް ވަނީ 13 ޕޮއިންޓް ލިބިފައެވެ. އަދި މި މެޗުން ބަލިވި ޓޮލޫސް އުޅެނީ ފަސް ޕޮއިންޓާއެކު ތާވަލުގެ 13 ވަނައިގައެވެ.