ޚަބަރު

4 އަހަރު އެކުގައި އުޅުމަށްފަހު ލިއެނާޑޯ އާއި ކެމީލާ ރުޅިވެއްޖެ


ހޮލީވުޑް ތަރި ލިއޮނާޑޯ ޑިކެޕްރިއޯ އާއި އޭނާގެ މޮޑެލް ލޯބިވެރިޔާ ކެމިލާ މޮރޯން ގާތްގަނޑަކަށް 4 އަހަރު ދުވަހު ރައްޓެހިވެގެން އުޅުމަށް ފަހު ރުޅިވެއްޖެއެވެ.

ލިއެނާޑޯ އާއި މޮރޯން އެ ދެމީހުންގެ ގުޅުން ރަސްމީކޮށް އިޢުލާނުކުރީ 2020 ވަނަ އަހަރު ފެބްރުއަރީ މަހު ބޭއްވި އޮސްކާ އެވޯޑު ޙަފުލާގައި ދެމީހުން އެކުގައި ބައިވެރިވުމަށްފަހުގައެވެ.

"ޑޮންޓް ލުކް އަޕް" ގެ ތަރި ލިއެނާޑޯއާއި ލޯބިވެރިޔާ މޮރޯންގެ ގުޅުމުގެ އަޑު ފުރަތަމަ އިވުނީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު ނަމަވެސް ދެމީހުންގެ ގުޅިގެން އުޅުނީ ވަރަށް ސިއްރުންނެވެ. 2019 ވަނަ އަހަރު ލިއެނާޑޯ ވަނީ އޭނާގެ މައިންބަފައިންނަށް މޮރޯން ތަޢާރަފުވެސް ކޮށްދީފައެވެ.

އެ ދެމީހުންގެ މިހާރު ރުޅިވެފައިވާއިރު އެންމެ ފަހުން އެ ދެމީހުން އެކުގައި ފެނިފައިވަނީ މިދިޔަ ޖުލައި މަހުގެ 4 ވަނަ ދުވަހުގެ ހަފްތާ ބަންދުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އެ ހަފްތާ ބަންދުގައި ދެމީހުން ދިޔައީ ކެލިފޯނިއާގެ މާލިބޫގައި ޗުއްޓީ ހޭދަކުރަމުންނެވެ.

ކެމީލާ މީގެ ކުރިން ވަނީ 2019 ވަނަ އަހަރު އެލްއޭ ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ލިއެނާޑޯއާއި އެކު އޮތް ގުޅުމާއި ބެހޭ ގޮތުން ވާހަކަ ދައްކާފައެވެ. އަދި ދެމީހުންގެ ގުޅުން އެންމެންނަށް އެގުމުން އެކަމާއި ކަންބޮޑުވާކަންވެސް މޮރޯން އޭރު ވަނީ ހާމަކޮށްފައެވެ. މޮރޯން އާއި ޑިކެޕްރިއޯ ވަކިވި ސީދާ ސަބަބެއް އަދި ނޭނގެއެވެ.

ލިއެނާޑޯ ކުރިއަށް ސޮއިކޮށްފައިހުރި ފިލްމުތަކުގެ ތެރޭގައި ޑޭވިޑް ގްރޭންސްގެ 2017 ވަނަ އަހަރުގެ ފޮތް "ކިލާސް އޮފް ދަ ފްލާވާ މޫން" ގެ މައްޗަށް ބިނާކޮށް ހަމަ އެ ނަމުގައި އުފައްދާ ފިލްމާއި، ލިއެނާޑޯ މާފިއާއެއްގެ ރޯލުން ފެންނަ "ދަ ބްލެކް ހޭންޑް" ގެ އިތުރުން 2010 ވަނަ އަހަރު ލިއެނާޑޯ ރައިޓްސް ގަނެފައިވާ އެރިކް ލާސަންގެ 2003 ވަނަ އަހަރުގެ ފޮތް "ދަ ޑެވިލް އިން ދަ ވައިޓް ސިޓީ" ގެ މައްޗަށް ހަމަ އެ ނަމުގައި އުފައްދާ ފިލްމު ހިމެނެއެވެ.