ޚަބަރު

ހަރުކަށި ފިކުރާއި ދެކޮޅަށް ފައުޖެއް އުފައްދަން މަޖިލީހަށް މައްސަލައެއް


ހަރުކަށި ފިކުރާއި ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި ސަލާމަތީ ބާރުތަކާއި، ކަމާއި ގުޅުންހުރި އިދާރާތަކުން ގުޅިގެން ޚާއްސަ ފައުޖެއް އުފެއްދުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ. މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދެވެ.

ވަޙީދު ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ ރާއްޖޭގައި ހަރުކަށި ފިކުރަށް ޖާގަލިބޭގޮތަށް ހިންގޭ ޢަމަލުތައް ހުއްޓުވުމަކީ ދައުލަތުން ގުޅިގެން ކުރަންޖެހިފައިވާ މުހިންމު މައްސަލައެއް ކަމަށެވެ. އިސްލާމްދީނުގެ ނަމުގައި އަނިޔާވެރި ޢަމަލުތައް ހިންގާ ހަރުކަށި ހައްދުފަހަނަ އަޅާފައިވާ މީހުން މަރަން ފަސް ނުޖެހޭ 1،400 މީހުން ރާއްޖޭގައި ތިބިކަމަށް ކަމިޝަނަރ އޮފް ޕޮލިސް ވިދާޅުވެފައިވާމަށް ވަހީދު ހުށައެޅުއްވި މައްސަލާގައިވެއެވެ.

ހަރުކަށި ފިކުރުގެ ނުރައްކާތެރިކަން ކުޑަކުރުމަށްޓަކައި މަސައްކަތް ކުރުމަށް ކުރަންޖެހޭ މަސައްކަތް އިތުރު ކުރަންޖެހެނީ މިފަދަ އަމަލުތައް ދުވަހެއް ދުވަހަށް އިތުރުވަމުންދާތީކަމަށްވެސް ވަހީދުގެ މައްސަލާގައި ބުނެފައިވެއެވެ. މިފަދަ ކުށްތައް ހިންގާ މީހުންގެ މައުލޫމާތު ސަލާމަތީ ބާރުތަކުގައި ހުރެ އެފަދަ ފަރާތްތަކާއިމެދު އެކަށީގެން ފިޔަވަޅު އެޅުމަށްވެސް މައްސަލާގައި ވަނީ ގޮވާލާފައެވެ.

ހަރުކަށި ފިކުރުގެ އަމަލުތައް ހިންގާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމުގައި މުވައްސަސާތައް ފަހަތު ފަޔަށް ބުރަވެފައިވާތީ އާހިތްވަރަކާއިއެކު މިކަމާއި ކުރިމަތި ލުމަށްޓަކައި ސިފައިންނާއި ފުލުހުން އަދި ތަންފީޒީ ކަންކަން ހިންގުމުގެ ޒިންމާ އޮތް އިދާރާތަކުގެ ކޮމާޑެއްގެ ދަށުން އެކުލެވޭ ޚާއްސަ ފައުޖެއްވެސް އެކުލަވާލުމަށް މައްސަލާގައި ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން އިސްލާމިކް މިނިސްޓްރީއާއި ގުޅިގެން ދިވެހި ރާއްޖޭގައި ދީނީ ތައުލީމު ދިނުމާއި ދީނީ ވައުޟާއި ނަސޭހަތް ދިނުމުގެ ކަންކަން ހިންގާނީ އިސްލާމީ ދުނިޔޭގެ މަޝްހޫރު ބޮޑެތި ގިނަ އިލްމުވެރިން އިއްތިފާގުވެ މެދުމިނެއްގެ އިންތަކުގެ ތެރޭގައިކަން ކަށަވަރު ކުރުމުގެ މަސައްކަތް އިތުރަށް ބާރަށް ހިންގުމަށްވެސް މިމައްސަލާގައިވަނީ ގޮވާލާފައެވެ.