ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަސްލްސްގެ ފުރަތަމަ ބުރުން ބަލިވެ އެންމެ ފަހުގެ ޗެމްޕިއަން އިނގިރޭސިވިލާތުގެ އެމާ ރަޑުކާނޫ މުބާރާތާ އަލްވަދާއުކިޔަން ޖެހިއްޖެއެވެ.
އޭނާ ބަލިވެފައިވަނީ ފުރަތަމަ ބުރުގައި ފަރަންސޭސިިވިލާތުގެ އެލީޒް ކޯނޭ އާއި ބައްދަލުކުރިމެޗުންނެވެ.
މިމެޗް ކޯނޭ ކާމިޔާބުކޮށްފައިވަނީ ސީދާ ދެސެޓުންނެވެ. އެއީ ހައެއް ތިނެއް އަދި ހައެއް ތިނަކުންނެވެ. ރަޑުކާނޫ މިދިޔަ އަހަރުގެ މުބާރަތުގައިވަނީ ކޮލިފައިންގ ކުޅެ މުބާރާތުން ޖާގަހޯދާ ގިނަ ބަޔަކު ހައިރާން ކޮށްލުމަށްފަހު ޗެމްޕިއަންކަންވެސް ހޯދާފައެވެ. މިފަހަރުގެ މުބާރާތުގައި އެގާރަ ވަނައަށް ސީޑް ކުރެވިފައިވި ރަޑުކާނޫގެ މިނާކާމިޔާބީއާއެކ ުއޭނާގެ ރޭންކިންގވެސް މިފަހަރު ދަށަށް ދަނެއެވެ.
މިމުބާރާތުގެ ފިރިހެނުންގެ ބަޔަށް ބަލަލާއިރު ސްޕެއިންގެ ރަފައެލް ނަޑާލް އާއި އޮސްޓްރޭލިއާގެ ރިންކީ ހިޖިކާޓާ ބައްދަލުކުރިމެޗް 3 ސެޓް އެއް ސެޓުން ކާމިޔާބުކުރީ ނަޑާލްއެވެ.
މިމެޗްގެ ފުރަތަމަ ސެޓް ހަތަރެއް ހަޔަކުން ހިޖިކާޓާ ކާމިޔާބުކޮށްވަނީ ނަޑާލް ސިއްސުވާލަފައެވެ. ނަމަވެސް ޖެހިގެން އައި ތިން ސެޓްގައި ނަޑާލްވަނީ މޮޅު ކުޅުމެއް ދައްކާ ފަސޭހަ ކަމާއެކު ހައެއް ދެއެއް، ހައެއް ތިނެއް އަދި ހައެއް ތިނަކުން މެޗް ކާމިޔާބުކޮށްފައެވެ.
މިމުބާރާތުގައި ސްޕެއިން އަށް ނިސްބަތްވާ ކާލޯސް އަލްކަރާޒްވެސް ވަނީ ދެވަނަ ބުރުން ޖާގަހޯދާފައެވެ. އެއީ ފުރަތަމަ ބުރުގައި އާޖެންޓީނާގެ ސެބަސްޓިއަން ބައެޒް އާއި ބައްދަލުކުރިމެޗުން ބައެޒް އަށް އަނިޔާވެގެން މެޗް ހުއްޓަލަން ޖެހުމުންނެވެ. މިމެޗް ހުއްޓާލިއިރު އަލްކަރާޒް އުޅުނީ ފުރަތަމަ ދެސެޓް ހަތެއް ފަހެއް، ހަތެއް ފަހަކުން ކާމިޔާބުކޮށް އަދި ތިންވަނަ ސެޓްގައި ދެއެއް ސުކަމުން ކުރީގައެވެ.