އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި ސައުތެމްޓަނުން ކާމިޔާބުކޮށްފިއެވެ.
ސައުތެމްޓަނުގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީއިންނެވެ. އަދި މިގޮތުން ޗެލްސީއިން ވަނީ މެޗްގެ 23 ވަނަ މިނެޓްގައި ލަނޑެއް ޖަހާ މެޗްގެ ލީޑުވެސް ނަގާފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ރަހީމް ސްޓަރލިންގއެވެ. މިއީ ލީގުގައި އޭނާ ޗެލްސީއަށް ކާމިޔާބުކޮށްދިން ތިންވަނަ ލަނޑެވެ.
އެކަމަކު މިލަނޑު ޖެހިތާ ފަސް މިނެޓްފަހުން ސައުތެމްޓަނުންނ ވަނީ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރޮމޭއޮ ލޭވިއާއެވެ. އަދި މިމެޗުން ސައުތެމްޓަން މޮޅުވި ލަނޑު ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ޖަހާދިނީ އެޑަމް އާރމްސްޓްރޯންގއެވެ. މިމެޗްގެ ދެވަނަ ހާފްގައި ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށް ލިބިގެންދިޔަ ނަމަވެސް އިތުރު ލަނޑެއް ފެނިގެނެއް ނުދިޔައެވެ.
މިކާމިޔާބީއާއެކު ސައުތެމްޓަން ވަނީ އެޓީމް މިހާތަނަށް ކުޅުނު ފަސް މެޗުން ލިބިފައިވާ ހަތް ޕޮއިންޓާއެކު ތާވަލްގެ ހަތްވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ޗެލްސީ މިވަނީ ލަނޑުގެ ތަފާތުން ސައުތެމްޓަނަށް ވުރެ ފަހަތުން އަށްވަނައަށް ވެއްޓިފައެވެ.