ދުނިޔެ

ޒިކާ ވައިރަހާއި ދެކޮޅަށް ކިއުބާގައި ކެންޕޭނެއް ފަށައިފި


ޒިކާ ވައިރަހާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ވަރުގަދަ ކެންޕޭނެއް ކިޔުބާގެ ސިއްޙަތާބެހޭ ދާއިރާއިން އިފްތިތާޙް ކޮށްފިއެވެ.ކިޔުބާގެ ސިއްޙަތާބެހޭ މަސްއޫލުވެރިން ވިދާޅުވީ މިއީ ޒިކާ ވައިރަސް ޖައްސާ މަދިރި ނައްތާލުމަށާ އަދި ޒިކާ ވައިރަސް ފެތުރޭނެކަމަށް ބެލެވޭ އެނޫންވެސް ކަންތައްތައް ކޮންޓްރޯލް ކުރުމުގެ ކެންޕޭނެއްކަމަށެވެ. މިކޭންޕޭންގެ ބޭނުމަކީ ޒިކާ ވައިރަސްގެ ހާލަތެއް ފެނުމުގެ ކުރިން އެކަމަށް ދުރާލައި ފިޔަވަޅުއަޅައި އެވައިރަސް ފެތުރުމުގެ ފުރްސަތު ނުދިނުންކަމަށްވެސް ކިޔުބާގެ ސިއްޙަތާބެހޭ މަސްއޫލުވެރިން ވިދާޅުވިއެވެ.ކެރީބިޔަން ސަރަހައްދުގެ ޤައުމެއް ކަމަށްވާ ކިޔުބާއަކީ ޒިކާ ވައިރަސް ފެތުރިދާނެކަމުގެ ބިރު އޮތް ޤައުމެއް ނަމަވެސް އެޤައުމުން މިހާތަނަށް ޒިކާ ވައިރަސްގެ އެއްވެސް ހާލަތެއް ފެނިފައެއް ނުވެއެވެ.ބްރެޒިލް އަދި ލެޓިން އެމެރިކާގެ ބައެއް ޤައުމުތަކުގައި އަލަށް އުފަންވާ ތުއްތުކުދިންގެ ބޮލާއި ސިކުނޑިއަށްޖެހޭ މައިކްރޯސެފަލީ ބައްޔަކީ ޒިކާ ވައިރަސްއާ ގުޅުންހުރި ބައްޔެއް ކަމަށް ބެލެވިފައިވާއިރު ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާއިންވަނީ މިބައްޔާ ދެކޮޅަށް އާންމު ސިއްޙަތުގެ ދާއިރާގައި ކުއްލި ޙާލަތު އިޢްލާންކޮށްފައެވެ. އަދި ދުނިޔޭގެ އެތަށް ޤައުމަކުން ވަނީ ޒިކާ ވައިރަސްގެ ހާލަތެއް ފެނުމުގެ ކުރިން އެވައިރަސްއާ ދެކޮޅަށް މަސައްކަތް ކުރާނެގޮތުގެ ޕްލޭންތައް އެކުލަވާލަމުން ގެންދާކަން ހާމަކޮށްފައެވެ.