ވިޔަފާރި

ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ފިއޯރީއަށް ކޮމިއުނިޓީ ލައިބްރަރީއެއް


ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީގައި ގދ. ފިއޯރީގައި ކޮމިއުނިޓީ ލައިބްރަރީއެއް ތަރައްގީކޮށްފިއެވެ. މި ޕްރޮޖެކްޓް ކުރިޔަށް ގެންގޮސްފައިވަނީ ފިއޯރީ އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެމްޕަވަރމަންޓް (ފޭސް) ޖަމިއްޔާގެ ފަރާތުންނެވެ.

މި ޕްރޮޖެކްޓްގެ މަގްސަދަކީ ފޮތް ކިއުމަށް ޝައުގުވެރިކަން އުފެއްދުމާއި، ރަށުގެ ރައްޔިތުންގެ މެދުގައި ގުޅުންބަދަހިކޮށް، ބޭރުތެރޭގައި އާއިލާއާއެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ. ކޮމިއުނިޓީ ލައިބްރަރީ ތަރައްގީކޮށްފައިވަނީ ފިއޯރީ ކުޑަކުދިންގެ ޕާކުގެ ބައެއްގެ ގޮތުގައެވެ.

މި ޕްރޮޖެކްޓާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ފޭސް ޖަމިއްޔާގެ ނައިބު ރައީސް ސުރުހާން މުހައްމަދު ވިދާޅުވީ ރަށުގައި އާއިލާތަކާއެކު އެއްވެ ގުޅުންބަދަހި ކުރުމަށް ވަކި ޚާއްސަ މާހައުލެއް މިވަގުތު ނެތްކަމަށެވެ. އެހެންކަމުން މިހާރު ޕާކަށް އަންނަ ކުދިންނަށް އާއިލާއާއެކު ގެއިން ބޭރުގައި ފޮތް ކިޔާލުމަށް ވަގުތު ހޭދަކުރެވޭނެކަމަށެވެ. އުންމީދަކީ މިތަނަކީ މި މުޖުތަމައަށް މުހިންމު ތަނަކަށް ވެގެން ދިއުންކަމަށް އޭނާ ވިދާޅުވިއެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް އަމާޒުކޮށްގެން ރަށްރަށުގައި ދެމެހެއްޓެނެވި ގޮތެއްގައި ޕްރޮޖެކްޓް ހިންގުމަށް ހުޅުވާލެވޭ ފުރުސަތެކެވެ.