ޚަބަރު

ފެންބޮޑުވުމުގައި ލިބުނު ގެއްލުމުގެ އަގު 10 ބިލިޔަން ޑޮލަރަށް އަރާނެ: ޕާކިސްތާން


ޕާކިސްތާނަށް މިހާރު ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ހާދިސާތަކުގައި ލިބިފައިވާ އިޤްތިޞާދީ ގެއްލުމުގެ އަގު 10 ބިލިޔަން ޑޮލަރަށް އަރާނެ ކަމަށް އެ ޤައުމުގެ ޕްލޭނިންގ މިނިސްޓަރ އަޙުސަން އިޤުބާލު ވިދާޅުވެއްޖެއެވެ. ޕާކިސްތާނުގެ ސަރަޙައްދުތަކަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގައި އެ ޤައުމުގެ އުތުރާއި ދެކުނުގެ ގިނަ ސަރަޙައްދުތަކެއްގައި ވަނީ ފެން ބޮޑުވެފައެވެ.

ފެންބޮޑުވުމާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި މަރުވެފައިވާ މީހުންގެ އަދަދު މިހާރު ވަނީ 1,000 އަށްވުރެ މައްޗަށް އަރާފައެވެ. އަދި، ގިނަ އަދަދެއްގެ މަގުތަކާއި ބުރިޖުތަކާއި އެހެނިހެން ޢުމްރާނީ ވަސީލަތްތަކަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައެވެ. އަދި، ދަނޑު ބިންތައް ވަނީ ހަލާކުވެފައެވެ.

"ފެންބޮޑުވުމުގައި ލިބުނު އިޤްތިޞާދީ ގެއްލުމުގެ އަގު ވަރަށް ބޮޑުވާނެ. 10 ބިލިޔަން ޑޮލަރަށް ވުރެ އިތުރުވާނެ. މިއީ އަންދާޒާއެއް،" އިޤުބާލު ވިދާޅުވިއެވެ. 200 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ޕާކިސްތާނަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަނެ، ޤައުމު އަލުން އާރާސްތު ކުރުމަށް މަދުވެގެން ފަސް އަހަރު ހޭދަވާނެ ކަމަށް ވެސް އިޤުބާލު ވިދާޅުވިއެވެ.

ފެންބޮޑުވުމާ ގުޅިގެން ފުއްކަފަ ގަސް ހައްދާ ދަނޑުތަކުގެ 45 އިންސައްތަ ވަނީ އެއްކޮށް ހަލާކުވެފައެވެ. އަދި، މިލިޔަނަކަށް ވުރެ ގިނަ އަދަދެއްގެ ގެދޮރަށް ވަނީ ގެއްލުން ލިބިފައެވެ. މީގެ އިތުރުން މޭވާއާއި ތަރުކާރީ ހައްދާ ދަނޑު ބިންތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ. އެ ޤައުމުގެ އާބާދީގެ ބޮޑު އިންސައްތައަކަށް މިހާރު ވަނީ ކާބޯތަކެތި ހޯދުމަށް ދަތިތަކާ ކުރިމަތިވެފައެވެ.

ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ލިބިފައިވާ އިޤްތިޞާދީ ގެއްލުމުން އަރައިގަތުމަށް އެހީވުމަށް އެ ޤައުމުން މިހާރު ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވައިލާފައެވެ. މި ގޮވައިލުމަށް އިޖާބަދީ ބައެއް ޤައުމުތަކުން ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތައް ވެސް ފޮނުވާފައެވެ.