ޚަބަރު

އައްޑޫގައި ހިނގަމުންދާ ވައްކަން ހުއްޓުވޭނެ، ބޭނުންވަނީ ރައްޔިތުންގެ އެއްބާރުލުން: ފުލުހުން


އާބާދީއަށް ބަލާއިރު ދެވަނައަށް އެންމެ އާބާދީ ބޮޑު ތަނަކީ އައްޑޫސިޓީއެވެ. މިއާއެކު ކުށްތަކަށް އަރައިގަންނަ މިންވަރުވެސް މި ސީޓީގައި އިތުރެވެ. ނަމަވެސް މިފަހަކަށް އައިސް އައްޑޫ ސިޓީގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް މިވަނީ އިންތިހާއަށް ބޮޑުވެފައެވެ. އަދި މިކަމާއި ގުޅިގެން ގިނަބަޔަކު އަންނަނީ ކަންބޮޑުވުންވެސް ފާޅުކުރަމުންނެވެ. މިފަދަ މައްސަލަތައް މިފަހަކަށް އައިސް އިތުރުވެފައިވާ ސަބަބުތައްވެސް އެބަހުއްޓެވެ.

ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު އައްޑޫގައި ޤާއިމްކޮށްފައިވާ ތިން ޕޮލިސް ސްޓޭޝަންގެ ތެރެއިން ހިތަދޫ ސްޓޭޝަނަށް މިފަދަ މައްސަލަ ހުށަހެޅޭ މިންވަރު ފާއިތުވި ދެމަހުވަނީ އިތުރުވެފައެވެ. އަދި މިފަހަކަށް އައިސް ވައްކަން ކުރާ ގަޑިތަކާއި ގޮތްތަކަށް ވެސް މިވަނީ ބަދަލު އައިސްފައެވެ. ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ޖުލައި މަހު ހިތަދޫ ޕޮލިސްއަށް ރިޕޯޓުކޮށްފައިވަނީ ވައްކަމުގެ 5 މައްސަލައެކެވެ. ނަމަވެސް ހަމަ މިއަހަރު ޖުލައި މަހު އެކަނި ހިތަދޫ ސްޓޭޝަނަށް 13 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.

އައްޑޫގައި ވައްކަން ކުރާ މިންވަރު ގުޅިފައިވަނީ މަސްތުވާތަކެއްޗާއި ކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން ފާއިތުވި އެއް އަހަރު ދުވަހަށް ބަލާއިރު ތަކުރާރުކޮށް ކުށް ކުރާ މީހުންގެ ތެރެއިން 160 މީހުން އަނބުރާ އެކި ސަބަބުތަކާއި ހުރެ މުޖްތަމަޢަށް ދޫވެގެން ގޮސްފައިވާ ކަމަށް ހިތަދޫ ޕޮލިސް ސްޓޭޝަން އިންޗާޖު އަބްދުﷲ އިބްރާހިމް، (ޑީޑީ) ވިދާޅުވިއެވެ.

" 2021 ވަނަ އަހަރު އޯގަސްޓް މަހުން ފެށިގެން 2022 ވަނަ އަހަރު އޯގަސްޓް މަހާއި ދޭތެރޭ، ގާތްގަނޑަކަށް 160 މީހަކު ޖަލުން އެކި ސަބަބު ތަކާއި ހެދީ ދޫކޮށްލާފައިވޭ. އެއްބައި މީހުން ޕެރޯލް ދަށުން. އަނެއްބައި މީހުން އެމީހުންނަށް ކޮށްފައިވާ ހުކުމް ނިމުމުގެ ސަބަބުން. އަދި ހަމައެއާއެކު އަނެއްބައި މީހުންނަށް ކުރެވުނު ޝަރީއަތުގެ ތެރެއިން މައްސަލަ ސާބިތު ނުވުމުގެ ސަބަބުން. މީގެ ތެރޭގައި ރިޕީޓެޑް އޮފެންޑާސް ވަރަށް ގިނަ. އަޅުގަނޑުމެންނަށް ފާހަގަ ކުރެވިފައި އޮތީ ރަށުތެރޭގައި މިހިނގާ މާރާމާރީއާއި ވައްކަމުގައި މިފަރާތްތަކުގެ ޝާމިލްވުން އޮތްކަން. "ޑީޑީ ވިދާޅުވިއެވެ.

އައްޑޫގައި ކުރަމުންދާ ވައްކަންތަކަށް ބަލާއިރު، ގިނައިން ވަގަށް ނަގާފައިވަނީ އިލެކްޓްރޯނިކްސް ސާމާނު ކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން ސައިކަލާއި އޭސީ އައުޓް ޑޯރ ޔުނިޓާއި ގަސްތަކާއި ގޭގައި އޮޅުކޮށްގެން ގެންގުޅޭ ދޫނިވެސް ދަނީ ވަގަށް ނަގަމުންނެވެ.

ހިތަދޫ ޕޮލިސް ސްޓޭޝަނާއި އިންޗާޖެއްގެ ގޮތުން އެންމެފަހުން ހަވާލުވި ޑީޑީ ވަނީ ގޮންޖެހުންތަކަށް ހުރިނަމަވެސް މިކަމަށް ހައްލު ގެނެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތް ކަމަށް ވިދާޅުވެފައެވެ.

" ގޮންޖެހުންތައް އެބަހުރި. ހަމައެކަނި ފުލުހުންގެ އެއް ނޫން ހުރިހާ މުއައްސަސާތަކުގެވެސް ހުންނާނެ ގޮންޖެހުންތައް. މިގޮންޖެހުންތަކުގެ ތެރެއިންވެސް މިވަގުތު އައްޑޫގައި މިއޮތް ކުށުގެ ހާލަތައް، ހައްލެއް ގެނައުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިކަމަށް ޚާއްސަ ސާމާލުކަމެއް ދީގެން މިފެށި މަސައްކަތުގެ ނަތީޖާ ފެންނާނެ ކަމުގެ ޔަޤީންކަން އަޅުގަނޑަށް އެބައޮތް. އަޅުގަނޑު އައްޑޫގެ ރައްޔިތުންނަށް އަދި ހިތަދޫގެ ރައްޔިތުންނަށް ޔަޤީންކަން އަރުވަން އަޅުގަނޑު ރެއާއި ދުވާލު 24 ގަޑި އިރު މިކަމަށް ހޭދަ ކުރާނަން."ޑީޑީ ވިދާޅުވިއެވެ.

މިކަން ހައްލުކުރެވޭނީ ރައްޔިތުންގެ އެއްބާރުލުންވެސް ފުލުހުންނަށް ލިބިގެން ކަމަށް ޑީޑީ ވިދާޅުވިއެވެ. އަދި މިފަދަ ކުށްތަކަށް އަމާޒުކޮށް ޚާއްސަ އޮޕަރޭޝަންތައް މިހަފްތާ ތެރޭ ފަށާނެ ކަމަށް ޑީޑީ ވިދާޅުވިއެވެ. މިކަމުގައި އާންމު ރައްޔިތުންނާއި މުއައްސަސާތަކުންވެސް އެއްބާރުލުން ބޭނުންވާނެ ކަން ފުލުހުން ވަނީ ހާމަކޮށްފައެވެ. އެގޮތުން އައްޑޫގައި ޝައްކުކުރެވޭ އެއްވެސް އެއްޗެއް ވިއްކަން އުޅޭ ފަރާތެއް އެނގޭ ނަމަ ފުލުހުންނަށް އެކަން އެންގުމަށް ފުލުހުން އިލްތިމާސް ކުރެއެވެ. އަދި މިގޮތަށް އަންގާ ފަރާތަކީ ކާކުކަން ނޭނގޭގޮތަށް ވެސް ފުލުހުންގެ އެޕްލިކޭޝަން މެދުވެރިކޮށް ރިޕޯޓު ކުރެވޭނެ ކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން ބޯޓުތަކަށް މުދާ އަރުވާ ފަރާތްތަކުންވެސް ޝައްކުވާ މުދާ ބޯޓަށް ނާރުވާ އެކަން ފުލުހުންނަށް އެންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.