ޚަބަރު

ކަނޑުމަހުގެ މަސްވެރިކަން ހިންގައި، ބެލެހެއްޓުމާއި ގުޅޭ ގަވާއިދު ނެރެފި


ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާ ގުޅޭ ގަވާއިދު ނެރެފިއެވެ.

މި ގަވާއިދު މިހާރު ގެޒެޓުކޮށްފައިވާއިރު، މި ގަވާއިދުގެ ދަށުން ފިޝަރީޒް މިނިސްޓްރީން ހާސިލްކުރަން ބޭނުންވާ މަޤްސަދުތަކުގެތެރޭގައި، ރާއްޖޭގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމުގެ ފައިދާ ދިގު މުއްދަތަކަށް، ދިވެހި ރައްޔިތުންނަށް ލިއްބައިދިނުމަށްޓަކައި، ކަނޑުމަހުގެ މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ރާވައި، ހިންގައި، ބެލެހެއްޓުމުގައި ޢަމަލުކުރަންވީ ގޮތުގެ އުސޫލުތައް ބަޔާންކުރުމެވެ. އަދި ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭނުގައިވާ ކަންކަން ތަންފީޛުކުރުމާއި، ކަނޑުމަހުގެ މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކަށް ލައިސަންސް ދިނުމާއި ގުޅޭ ކަންކަން ކަނޑައެޅުމުގެ އިތުރުން ކަނޑުމަހުގެ މަސްވެރިކަން މޮނިޓަރކޮށް، ކޮންޓްރޯލްކުރުން ހިމެނެއެވެ.

މި ގަވާއިދުގެ ދަށުން ކަނޑުމަހުގެ މަސްވެރިކަމުގައި އާއި ކަނޑުމަހުގެ މަސްވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވަމުންދާ ފަރާތްތަކުން މަސްވެރިކަމާއި ޕްރޮސެސްކުރުމުގައި ހަރަކާތްތެރިވާންވާނީ، އެކަމަށްޓަކައި މިނިސްޓްރީން ދޫކުރާ ޞައްޙަ ލައިސަންސެއް އޮވެގެންކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި މި ލައިސެންސަށް އެދުމުގައި އާއި އައުކުރުމުގައި އަދި ލައިސެންސް ބާތިލްކުރުމުގައި އަމަލުކުރަންޖެހޭ ގޮތް ގަވާއިދުގައި ބަޔާންކޮށްފައެވެ.

މި ގަވާއިދުގައިވާ ގޮތުން ރާއްޖޭގެ އެއްވެސް މަސްވެރި އުޅަނދެއްގައި، ސީދާގޮތެއްގައި މަސްވެރިކަން ކުރުމުގައި ބިދޭސީން ހަރަކާތްތެރިވުމަކީ މަނާކަމެކެވެ. އެހެންނަމަވެސް އުޅަނދުގެ ސެކިއުރިޓީ ބެލެހެއްޓުމާއި، ފަޅުވެރިންނަށް ކެއްކުން ފަދަ މަސައްކަތްތައް ކުރުމަށްޓަކައި، އުޅަނދެއްގައި ގިނަވެގެން 2 ބިދޭސީންނަށް ވަޒީފާގައި ހަރަކާތްތެރިވުމުގެ ހުއްދަ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ގަވާއިދުގެ ދަށުން، ޖޫރިމަނާކުރެވޭނެ ފަރާތްތަަކާއި، ޖޫރިމަނާ ކުރެވޭ އަދަދުތަކުގެ އިތުރުން ކުށް ތަކުރާރުކޮށްފިނަމަ ޖޫރިމަނާ ކުރެވޭނެ އަދަދުތައް ކަނޑައަޅާފައިވެއެވެ.

ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާ ގުޅޭގޮތުން މިނިސްޓްރީއަށް ލަފާދޭ ކޮމިޓީއެއް މި ގަވާއިދަށް ޢަމަލުކުރަން ފަށާތާ ތިން މަސްދުވަހުގެ ތެރޭގައި އުފައްދަންޖެހެއެވެ. ކޮމިޓީއަށް މެމްބަރުން އައްޔަންކުރުމުގައި ބަލަންޖެހޭ ކަންތައްތަކާއި، ކޮމިޓީގެ ދައުރުގެ ދިގުމިނާއި، ކޮމިޓީގެ މަސްއޫލިއްޔަތުތައްވެސް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.