ޒަމާނީ ފެންވަރަށް އަމީނީ މަގު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް މިއަދު ފެށުމަށް ހަމަޖެހިއްޖެއެވެ.
މާލޭގެ އަމީނީ މަގަކީ، ގިނަ އޮފީސްތަކާއި ސްކޫލްތައް ހުރުމާއެކު ގިނަ ބަޔަކު ބޭނުންކުރާ މަގެކެވެ. އަދި މިއީ މާލޭގެ ހެންވޭރުން މާފަންނަށް ގުޅާލާ މަދު މަގުތަކުގެ ތެރެއިން މަގެކެވެ. މަރާމާތު ނުކޮށް ދިގު މުއްދަތެއްވުމުގެ ސަބަބުން މަގު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.
މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން އަމީނީ މަގުގައި ތާރު އަޅައިގެން ތަރައްޤީ ކުރުމުގެ މަސައްކަތް ޕްލޭނިންގ މިނިސްޓްރީން، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ)އާއި ވަނީ ހަވާލުކޮށްފައެވެ.
އާރްޑީސީގެ އަމާޒަކީ އަމީނީ މަގު ރަނގަޅު ފެންވަރަކަށް ތަރައްޤީކޮށް ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ގިނަ ދުވަހު ބޭނުންކުރެވޭނެ ގޮތަކަށް އެ މަގު ތަރައްޤީކުރުމެވެ. މި މަސައްކަތުގެ ދަށުން ހިނގާ ބިނގާވެ އުޅޭ ފަރާތްތަކަށާއި ދުއްވާ އުޅަނދުތަކަށްވެސް ފަސޭހަވާނެފަދަ ގޮތަކަށް އަދި ޒަމާނީ ފެންވަރުގެ މަގަކަށް ބޭނުންވާނެ ހުރިހާ ވަސީލަތްތަކަކާއި އެކު ވީހާވެސް އަވަހަށް އަމީނީ މަގަށް ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.
އަމީނީ މަގުގައި ތާރުއެޅުމަށް ހަމަޖެހިފައިވަނީ "މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓް"ގެ ސްކޯޕަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހުގައެވެ. މި މަޝްރޫޢުގެ ދަށުން މާލޭގެ 105 މަގެއް ހިމެނޭހެން 18 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.