އަހަރުގެ އެންމެ ފަހު ގްރޭންޑް ސްލޭމް މުބާރާތް ކަމަށްވާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން އަދި މި ފަހަރުގެ މުބާރާތުގައި އެއްވަނައަށް ސީޑް ކުރެވިފައިވާ ރަޝިޔާގެ ޑަނީލް މެޑްވެޑޭވް ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފިއެވެ.
އޭނާ މިމެޗް ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ބުރުގައި އެމެރިކާގެ ސްޓެފަން ކޮޒްލޯވް އާއި ބައްދަލުކުރިމެޗް ކާމިޔާބުކޮށްގެންނެވެ.
މިމެޗް މެޑްވެޑޭވް ކާމިޔާބުކޮށްފައިވަނީ ފަސޭހަ ކަމާއެކު ސީދާ ތިން ސެޓުންނެވެ. އެއީ ހައެއް ދެއެއް، ހައެއް ހަތަރެއް އަދި ހައެއް ސުމަކުންނެވެ. ރަޝިޔާއަށް ނިސްބަތްވާ މެޑްވެޑޭވް ދެވަނަ ބުރުގައި ބައްދަލުކުރާނީ ފަރަންސޭސިވިލާތުގ އަރތަރ ރިންޑަރކްނެޗްއާއެވެ.
މިމުބާރާތުގައި އިނގިރޭސިވިލާތުގެ އެންޑީ މަރީ އާއި 24 ވަނައަށް ސީޑް ކުރެވިފައިވާ އާޖެންޓީނާގެ ފަރެންސިސްކޯ ކުރުންޑޯލޯ ބައްދަލުކުރިމެޗް ހަތެއް ފަހެއް، ހައެއް ތިނެއް އަދި ހައެއް ތިނަކުން ކާމިޔާބުކުރީ މަރީއެވެ. މުބާރާތުގައި 16 ވަނައަށް ސީޑް ކުރެވިފައިވާ ސްޕެއިންގެ ރޮބާޓޯ ބައުޓިސްޓާ އަގުޓް އާއި އެމެރިކާގެ ޖޭޖޭ ވުލްފް ބައްދަލުކުރިމެޗް ސީދާ ތިން ސެޓުން ކާމިޔާބުކުރީ ވުލްފްއެވެ. އެއީ ހައެއް ހަތަރެއް، ހައެއް ހަތަރެއް އަދި ހައެއް ހަތަރަކުންނެވެ.
އިޓަލީވިލާތުގެ މަޓިއޯ ބެރެޓީނީ އާއި ޗިލީގެ ނިކޯލަސް ޖެރީ ބައްދަލުކުރިމެޗް ހައެއް ދެއެއް، ހައެއް ތިނެއް އަދި ހައެއް ތިނަކުން ކަމިޔާބުކުރީ ބެރެޓީނީއެވެ. އަދި ހަވަނައަށް ސީޑް ކުރެވިފައިވާ ކެނެޑާގެ ފީލިކްސް އައުގަރ އެލިއަސީމް އާއި ސްވިޓްޒަލަންޑްގެ އެލެގްޒެންޑަރ ރިޓްސްޗާޑް ބައްދަލުކުރިމެޗް ތިން ސެޓް އެއް ސެޓުން ކާމިޔާބުކުރީ އައުގަރ އެލިއަސީމްއެވެ. އެއީ ހައެއް ތިނެއް، ހައެއް ހަތަރެއް، ތިނެއް ހައެއް އަދި ހައެއް ތިނަކުންނެވެ.