އދ. މަންދޫގައި ބޭނުންކުރަމުން އައި ކުރީގެ ޖެޓީ ތަޅާލައި އައު ޖެޓީއެއް އެޅުމަށް ނިންމައިފިއެވެ.
މަންދޫގައި ބޭނުންކުރަމުން އައި ކުރީގެ ޖެޓީ ތަޅާލުމުގެ މަސައްކަތް ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އިންނެވެ. މިއީ އެކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ދަށުން ކުރެވުނު މަސައްކަތެކެވެ.
އެމްޓީސީސީން ބުނީ މަންދޫ ކުރީގެ ޖެޓީ ތަޅާލައި އެ ހުރިތަނުން ނަގާފައިވަނީ އެ ރަށު ކައުންސިލްގެ އެދުމުގެ މަތިންކަމަށެވެ. އަދި އެ ސަރަޙައްދުގެ ކުނިތައް ނަގައި ސާފުކޮށްދީފައިވާނެކަމަށް އެމްޓީސީސީން ބުނެއެވެ. ޒަމާންތަކެއް ވަންދެން އެރަށުގައި ބޭނުންކުރަމުން އައީ ރައްޔިތުންގެ ފާލަމެކެވެ. ފާލަން ހަލާކުވެފައިވުމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް މިހާރު ބޭނުންކުރަނީ ރަށުގައި ގެސްޓްހައުސް ހިންގާ ބަޔަކު ހަދާފައިވާ ކުޑަ ފާލަމެކެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން މަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ސައީދު ވިދާޅުވީ ރަށުގައި މީހުން ބޭނުންކުރަމުން އައި ކުރީގެ ޖެޓީ ނަގާފައިވަނީ މީހުން އަރާ ފޭބުމުގައި ނުރައްކާތަކެއް ހުރުމުންކަމަށެވެ. އަދި މި މަސައްކަތަކީ ރަށުގެ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދަށުން ސީ.އެސް.އާރް މަސައްކަތެއްގެ ގޮތުގައި ކުރަމުން އަންނަ ކަމެއްކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
"މިއީ މީގެ 5 ވަރަކަށް އަހަރު ކުރިން ފެށިގެން ނުކުރެވިފަ އޮތް ކަމެއް. ޖެޓީ އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ. އެހެން ހުއްޓަ އެމްޓީސީސީން މި މަސައްކަތަކީ އަޅުގަނޑުމެން ވަރަށް ބަލައިގަންނަ ކަމެއް" މަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ސައީދު ވިދާޅުވިއެވެ.
އާބާދީގައި 500 އެއްހާ މީހުން ދިރިއުޅެމުން އަންނަ އދ.މަންދޫއަކީ ރާއްޖޭގެ ބަނދަރު ނެތް މަދު ރަށްރަށުގެ ތެރެއިން އެއް ރަށެވެ.
މަންދޫގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްޤީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2019ވަނަ އަހަރުއެވެ. ނަމަވެސް ބަނދަރު ތަރައްޤީކުރާނެ ސަރަޙައްދު ކަނޑަނޭޅި ގިނަދުވަސްތަކެއްވުމާއި ގުޅިގެން ބަނދަރުގެ ޢަމަލީ މަސައްކަތް ފެށުން ވަނީ ލަސްވެފައެވެ. އެހެންނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މިމަސައްކަތް ބާރު ސްޕީޑްގައި އަންނަނީ ކުރިއަށްދަމުންނެވެ. އަދި އަންނަ އަހަރުގެ މެދުތެރެއަށް މަސައްކަތް ނިންމާ ބަނދަރު ބޭނުންކުރަން ފެށޭނެކަމަށް ކައުންސިލުން ވަނީ މީގެ ކުރިން މައުލޫމާތުދީފައެވެ.
ބަނދަރު ނެތުމުގެ ސަބަބުން މަންދޫއަށް ދިމާވެފައިވާ ލަފާ ފުރުމުގެ މައްސަލައަކީ ރަށުގެ ރައްޔިތުންގެވެސް ވަރަށްބޮޑު ޝަކުވާއެކެވެ. އެހެންނަމަވެސް ބަނދަރާއެކު ގެސްޓްހައުސް ވިޔަފާރިއާއި ރަށުގެ އިޖްތިމާޢީ އަދި އެހެނިހެން އިޤްތިޞާދީ ކަންކަމަށްވެސް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް ރައްޔިތުން ޤަބޫލްކުރެއެވެ.
މި މަޝްރޫޢަކީ ސަރުކާރުން 34.1 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.