އެސްޓީއޯ ހިންނަވަރު ފުޓްބޯލް ޗެމްޕިއަންޝިޕް 2022 ގައި ކުލަބު އޭދަފުއްޓާއި ވެލިދޫ ސްޕޯޓްސް ކުލަބު ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
ހިންނަވަރު ޓާފް ފުޓްބޯޅަ ދަނޑުގައި އާދީއްތަ ދުވަހުގެ ހަވީރު ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި އޭދަފުށިން ވަނީ ވެލިދޫގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދައިފައެވެ. އެކަމަކު މި މެޗުގައި ވެލިދޫގެ ޑިފެންޑަރުން ވަނީ ހުށިޔާރުކަމާއެކު އޭދަފުށީގެ ހަމަލާތައް ހުއްޓުވާފައެވެ.
ނަމަވެސް މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ އޭދަފުށިންނެވެ. މެޗުގެ 38 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިޝާން އިބްރާހީމް (ސައްޓު) އެވެ. އެކަމަކު އޭގެ ދެ މިނެޓު ފަހުން ވެލިދޫން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ސައިފެވެ.
މި މެޗު އެއްވަރުވެގެން ނިމުނުއިރު، ވަރުގަދަ ސްކޮޑަކާއެކު މި މުބާރާތަށް ނިކުތް އޭދަފުށިން ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ހިންނަވަރު އަތުން ވަނީ ފަސޭހަކަމާއެކު 5-1 ގެ ނަތީޖާ އަކުން މޮޅުވެފައެވެ.
ފަސް ޓީމު ވާދަކުރާ މި މުބާރާތުގައި އެންމެ ފުރަތަމަ ކުރިއަށްދަނީ ލީގު ބުރުގެ ކުޅުމެވެ. އެއަށްފަހު ލީގު ބުރުން އެއްވަނައަށްދާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭއިރު، ދެވަނަ އަދި ތިންވަނަ ޓީމަށް ޖެހެނީ ސެމީ ފައިނަލް ކުޅޭށެވެ.
މި މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކަކީ ކުލަބު އޭދަފުއްޓާއި، ބަޒޫކާ ސްޕޯޓްސް ކުލަބާއި، ވެލިދޫ ސްޕޯޓްސް ކުލަބާއި، ނައިފަރު ޗެލްސީ އަދި ހިންނަވަރު ސްޕޯޓްސް ކުލަބެވެ.
މިދިޔަ އަހަރު މި މުބާރާތް ކުރިއަށް ގޮސްފައިވަނީ ހަމައެކަނި ޅަވިޔަނި އަތޮޅަށް ހުޅުވާލައިގެންނެވެ. އެކަމަކު މި ފަހަރު މި މުބާރާތުގައި ދައުވަތު ދީގެން ޒޯނުގެ އެކި އަތޮޅުތަކުންވެސް ޓީމުތައް ވަނީ ބައިވެރިވެފައެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭއިރު، ރަނަރަޕް ޓީމަށް 25000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ.