އޭޝިއަން ކްރިކެޓް ކައުންސިލް (އޭސީސީ) އިން ބާއްވާ އޭޝިއާ ކަޕުގައި ޕާކިސްތާން ބަލިކޮށް އިންޑިއާއިން ފެށުން ރަނގަޅުކޮށްފިއެވެ.
ދުބާއީގައި ކުޅުނު މި މެޗު އިންޑިއާއިން ކާމިޔާބުކުރީ ފަސް ވިކެޓުންނެވެ.
ޓީ20 ފޯމެޓަށް މި ފަހަރު ކުޅެމުން އަންނަ އޭޝިއާ ކަޕުގެ މި މެޗުގައި އެންމެ ފުރަތަމަ ކުޅެން އަރައި ޕާކިސްތާނަށް އެއް ބޯޅަ ބާކީ އޮއްވައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 147 ލަނޑެވެ. ޕާކިސްތާނަށް އެންމެ ރަނގަޅަށް ކުޅުނީ 42 ބޯޅައިން 43 ލަނޑު ހެދި މުޙައްމަދު ރިޒްވާނެވެ. މި އިނިންގްސްގައި އިންޑިއާއަށް އެންމެ ރަނގަޅަށް އުކާފައިވަނީ 26 ލަނޑަށް ހަތަރު ވިކެޓު ނެގި ބުވްނޭޝްވަރު ކުމާރެވެ.
ޖަވާބުގައި ކުޅެން އަރައި އިންޑިއާއިން މެޗު ކާމިޔާބުކުރީ ބާކީ ދެ ބޯޅަ އޮއްވައި ފަސް ވިކެޓަށް 148 ލަނޑު ހަދައިގެންނެވެ. މި އިނިންގްސްގައި އިންޑިއާއަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ 34 ބޯޅައިން 35 ލަނޑު ހެދި ވިރާޓް ކޯލީ އާއި 29 ބޯޅައިން 35 ލަނޑު ހެދި ރަވިންދްރަ ޖަޑޭޖާއެވެ. ނަމަވެސް މި އިނިންގްސްގައި އިންޑިއާއަށް އެންމެ މުހިންމު ދައުރެއް އަދާކޮށްދިނީ ނުބައިނުވެ 33 ލަނޑު ހަދައިދިން ހާޑިކް ޕާންޑްޔާއެވެ.
މިއީ ޓީ20 ވޯލްޑް ކަޕަށް ފަހު މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ މެޗެވެ. އެ ފަހަރުގެ މެޗު 10 ވިކެޓުން ކާމިޔާބުކުރީ ޕާކިސްތާނެވެ.
މި ކާމިޔާބީއާއެކު އިންޑިއާ މިވަނީ އޭޝިއާ ކަޕުގެ ގްރޫޕް އޭގެ އެއްވަނައަށް އަރާފައެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ހޮންކޮންގެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހެވެ.