ޚަބަރު

މުލަކު މަސް ބަނދަރުގެ މަސައްކަތް އަވަސްކޮށްދޭނަން: ރައީސް


މ.މުލަކުގައި ހަދާ މަސްބަނދަރުގެ މަސައްކަތް އަވަހަށް ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މުލަކަތޮޅު ކައުންސިލާ ބައްދަލު ކުރައްވައި އަތޮޅުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާއި އަދި އަތޮޅުގެ ރަށްރަށަށް ބޭނުންވެފައިވާ ކަންކަމާއި ގުޅޭ ގޮތުން ކުރެއްވި މަޝްވަރާތަކުގައެވެ.

މ.އަތޮޅު ކައުންސިލް އިދާރާގައި ބޭއްވެވި މިބައްދަލުވުމުގައި އަތޮޅު ކައުންސިލުން ވަނީ، އަތޮޅުގެ ހުރިހާ ރަށެއްގައިވެސް ދުވަހަކު ނުދެކޭ ފަދަ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ހިނގަމުންދާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ އަށާއި ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

‎މ .އަތޮޅު ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، މުލަކުގެ މަސްބަނދަރުގެ މަސައްކަތް އަވަހަށް ނިންމުމާ، މުލީ ރީޖަނަލް ހޮސްޕިޓަލްގެ ޚިދުމަތްތައް، ރަނގަޅުކުރުމާއި، މުއްޔާއި ނާލާފުށި ކޯޒްވޭއަކުން ގުޅާލުމަށް އޮތް ތަސައްވަރު ހިމެނެއެވެ. މީގެ އިތުރުން، އަތޮޅުގެ ހުރިހާރަށަކަށް ހަމަހަމަގޮތެއްގައި ހައުސިންގ ޕްރޮޖެކްޓް ހިންގުމާއި، މުލީ އެއާޕޯޓު ނިމިގެންދާއިރު އަތޮޅުގައި އިތުރު ރިޒޯޓްތައް ހެދި ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމާއި، މ. މާޅުވެލި ޕިކްނިކްއައިލެންޑެއްގެ ގޮތުގައި ތަރައްޤީކުރުމާއި، މިހާރު ދަނޑުވެރިކަމަށް ދޫކޮށްފައިވާ މ.ތުވަރު ރިޒޯޓެއްގެ ގޮތުގައި ތަރައްޤީކޮށް އަތޮޅުގެ ރައްޔިތުންނަށް އެރަށުގެ މަންފާ ލިބޭނެ ގޮތެއް ވުން ބޭނުންވެލައްވާ ކަމަށް ކައުންސިލުން ވިދާޅުވިއެވެ.

‎މީގެ އިތުރުން އަތޮޅު ކައުންސިލުން ވަނީ، މ އަތޮޅުގެ މުލައް، މުލި، ނާލާފުށީގެ ޒުވާނުންގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަބޮޑުވެ އެކަމުގެ ނޭދެވޭ އަސަރު ކުރަމުންދާކަން ފާހަގަ ކުރައްވައިފައެވެ.

‎ކައުންސިލުން ފާހަގަކުރެއްވި މަސްތުވާތަކެތީގެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަތޮޅުގައި އޮތް މަސްތުވާތަކެތީގެ މައްސަލަ ކައުންސިލުން ފާހަގަކުރައްވައި އެކަމަށް ހައްލެއް ހޯއްދެވުމަށް މަސައްކަތް ކުރެއްވުމަކީ އުފާކުރައްވާ ކަމެއް ކަމަށެވެ. އަދި މަސްތުވާތަކެތީގެ މައްސަލައަކީ ސަރަހައްދުގައިވެސް އެންމެ ބޮޑުވެފައިވާ އަދި ރާއްޖޭގައިވެސް އެންމެ ބޮޑު މައްސަލަކަމަށާއި، އެމައްސަލަ ހައްލު ކުރުމަށް ޚާއްސަ ޓާސްކް ފޯހެއް އުފައްދައިގެން މަސައްކަތް ކުރެވެމުންދާކަމުގައި ވިދާޅުވިއެވެ.

‎ކައުންސިލް މެމްބަރުން ފާހަގަކުރެއްވި ކަންކަމާއި ގުޅޭ ގޮތުން ރައީސް ވިދާޅުވީ، މުލަކުގައި ހަދާ މަސްބަނދަރުގެ މަސައްކަތް އަވަހަށް ފެށުމަށް ސަރުކާރުން މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. ސަޢޫދީ ފަންޑުން ހިންގާ އެމަޝްރޫޢުގެ މަސައްކަތް ލަސްވެފައިވަނީ އެމަސައްކަތް ކޮށްދޭނެ ކޮންޓްރެކްޓަރެއް ލިބުން ލަސްވެގެން ކަމަށާއި، އެމަސައްކަތް އެމްޓީސީސީ އާއި މިހާރު ހަވާލުކުރެވި މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.