ކުޅިވަރު

ޔުވެންޓަސް އާއި ރޯމާގެ ކުރިމަތިލުން އެއްވަރު


އިޓާލިއަން ލީގުގައި ޔުވެންޓަސް އާއި ރޯމާ ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މި މެޗް ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޔޫވެންޓަސްއިންނެވެ. އެގޮތުން މެޗު ފަށައިގެން ދެވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑެއް ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު ޔުވެންޓަސްއަށް ކާމިޔާބުކޮށްދިނީ ޑުސާން ވްލާހޮވިޗެވެ.

އެކަމަކު މެޗުގެ 69 ވަނަ މިނެޓުގައި ރޯމާއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ޔުވެންޓަސް ދޫކޮށް މި ސީޒަނުގައި ރޯމާއަށް ބަދަލުވި ޕައުލޯ ޑިބާލާ ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޓެމީ އަބްރަހަމެވެ. އޭގެ ފަހުން މި މެޗުގައި ޔުވެންޓަސްގެ މެނުއެލް ލޮކަޓެއްލީ ލަނޑެއް ކާމިޔާބުކުރި ނަމަވެސް، އޭގެ ކުރިން ވްލާހޮވިޗުގެ އަތުގައި ބޯޅަ ޖެހިފައިވާ ކަމަށް ވީއޭއާރް ބެލުމަށްފަހު ވަނީ ނިންމާފައެވެ.

މި މެޗު އެއްވަރުވުމާއެކު ރޯމާ އުޅެނީ ކުޅުނު ތިން މެޗުން ލިބިފައިވާ ހަތް ޕޮއިންޓާއެލު ތާވަލްގެ ހަތަރުވަނައިގައެވެ. އަދި ޔުވެންޓަސް އުޅެނީ ފަސް ޕޮއިންޓާއެކު ތާވަލުގެ ހަތްވަނައިގައެވެ. މީގެ އިތުރުން ލީގުގައި ރޭ ބޮލޯނިއާއާ ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެންމެ ފަހުގެ ޗެމްޕިއަން އޭސީ މިލާން މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައެވެ.