ޚަބަރު

ކުށްކޮށްގެން ހޯދާ ފައިސާ ދައުލަތަށް ނެގޭނެ ނިޒާމެއްގެ ބޭނުންތެރިކަން ބޮޑު: އަމީރު


ފާއިތުވި އަހަރުތަކުގައި ދައުލަތުން ގެއްލިފައިވާ ފައިސާތައް އަނބުރާ ދައުލަތަށް ހޯދުމަށްޓަކައި، ކުށްކޮށްގެން ހޯދާ ފައިސާ ދައުލަތަށް ނެގޭނެ ނިޒާމެއް އޮތުމަކީ މުހިންމުކަމެއް ކަމުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ އަމީރު މިހެން ވިދާޅުވީ އެސެޓް ރިކަވާ ކުރުމުގެ ނިޒާމު ޤާއިމް ކުރުމަށް އޭސީސީން އިސްނަގައިގެން މިއަދު ފެށި މަސައްކަތު ބައްދަލުވުން ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދައުލަތުގެ ކަމާއި ގުޅުންހުރި އިދާރާތަކުން ބައިވެރިވެގެން ކުރިއަށް ގެންދާ މިބައްދަލުވުމަކީ ތަފާތު އެކި ކުށްކޮށްގެން ހޯދާ ފައިސާ ދައުލަތަށް އަނބުރާ ހޯދުމަށް ކުރެވޭނެ މަސައްކަތްތަކާއި ގުޅޭގޮތުން ބާއްވާ ބައްދަލުވުމެކެވެ. މިބައްދަލުވުން އިފްތިތާހު ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަމީރު ވިދާޅުވީ ކޮރަޕްޝަނަށް ހުޅުވިފައިވާ ދޮރުތައް ބަންދު ކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއްސިޔާސަތު ކަމަށެވެ. މިސިޔާސަތުގެ ދަށުން ފާއިތުވެދިޔަ ދުވަސްތަކުގައި ދައުލަތުގެ މާލީ ނިޒާމު ހަރުދަނާކޮށް، ޕަބްލިކް ފައިނޭންސްގެ ކަންކަން ވަރުގަދަ ކުރެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމަށް އޮތް ފުރުސަތުތައް ހަނިކުރަން މާލިއްޔަތު ޤާނޫނަށާއި، މާލިއްޔަތު ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް މިހާރުވެސް ވާނީ ގެނެސްފައި ކަމަށާއި، އިތުރަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށްޓަކައި މިހާރުވެސް މަސައްކަތް ކުރެވެމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮރަޕްޝަނާއި ދެކޮޅަށް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާ ފެންނަމުންދާކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން 2018 ވަނަ އަހަރު ސީޕީއައިގައި ރާއްޖެ 124ވަނައިގައި އޮތްނަމަވެސް 2021 ވަނަ އަހަރުގެ ރޭންކިންގައި ބޮޑުތަނުން ކުރިއަށްޖެހި 85 ވަނައަށް އަރާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކުށްކޮށްގެން ހޯދާ ފައިސާ ދައުލަތަށް ނެގޭނެ މުހިންމު ހަރުދަނާ ނިޒާމެއް އޮންނަންޖެހޭކަމަށެވެ. މިހާރުވެސް ދައުލަތަށް ހޯދަންޖެހޭ ފައިސާ ގިނަކަމަށާއި، އެގޮތުން 2009 ވަނަ އަހަރުން 2020 އަހަރާއި ހަމައަށް ދައުލަތުން ގެއްލިގެން ހޯދަންޖެހޭ 1.9 ބިލިޔަން ރުފިޔާ އަދާއި ހަމައަށްވެސް ލިބިފައި ނުވާކަމަށެވެ. ސަރުކާރުން އަމާޒު ހިފާފައިވާ ކޮރަޕްޝަނަށް ހުޅިވިފައިވާ ދޮރުތައް ބަންދު ކުރުމަށް މިނިޒާމު ހަރުދަނާ ކުރުމަކީވެސް މުހިންމު ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އޭސީސީގެ ރައީސް އަލްއުސްތާޛް އާދަމް ޝާމިލް ވިދާޅުވީ ކޮރަޕްޝަންގެ ކުށުން ދައުލަތުން ގެއްލިގެންދާ ފައިސާގެ އަދަދު ވަރަށްވެސް ބޮޑުކަމަށެވެ. މިގޮތަށް ގެއްލިގެންދާ ފައިސާއަކީ ތަރައްޤީއަށް ކުރެވޭނެ ހޭދައެއްކަމަށާއި، މިއަދު މިފެށޭ ބައްދަލުވުމަކީ ދައުލަތުން ގެއްލޭ ފައިސާ ހޯދުމަށް ކުރެވޭނެ މަސައްކަތްތައް ކުރުމަށް ކުރިއަށް ގެންދެވޭ ބައްދަލުވުމެއް ކަމަށް ޝާމިލް ވިދާޅުވިއެވެ.

އޭސީސީގެ އަމާޒަކީ ކޮރަޕްޝަނުން ގެއްލިގެންދާ ފައިސާ ހޯދައި ހަރުދަނާ ނިޒާމެއް ގާއިމް ކުރުން ކަމަށާއި، ޤާނޫނީ ނިޒާމުގެ ތެރެއިން މިހާރުވެސް ގެއްލިގެންދާ ފައިސާ ހޯދުމުގެ ފުރުސަތު އޮތް ނަމަވެސް ޤާނޫނުތަކުގައި ވަށާޖެހޭ ފުރިހަމަ އިޖުރާތްތައް ނެތްކަމީ މިކަމުގައި އޮތް ގޮންޖެހުމެއްކަން ޝާމިލް ފާހަގަ ކުރެއްވިއެވެ. މިބައްދަލުވުމުގައި މިކަމަށް ގޮތްތަކެއް ހޯދި، މިނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާ ކުރެެވިގެން ދާނެކަމަށް އޭސީސީގެ ރައީސް ވިދާޅުވިއެވެ.