ކުޅިވަރު

ފަހަތުން އަރައި ފުލަމް ބަލިކޮށް އާސެނަލަށް އެއްވަނަ


އިނގިރޭސި ޕްރިމިއާ ލީގުގައި ފުލަމާ ދެކޮޅަށް ކުޅުނު މެޗު ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލުން ކާމިޔާބުކޮށްފިއެވެ.

އާސެނަލުގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އާސެނަލުންނެވެ. އެކަމަކު މި މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ.

މި މެޗުގެ ދެވަނަ ހާފުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ފުލަމުންނެވެ. މި ހާފު ފަށައިގެން 11 ވަނަ މިނެޓުގައި އާސެނަލުގެ ޑިފެންޑަރު ގެބްރިއަލްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ފުލަމަށް މި ލަނޑު ކާމިޔާބުކޮށްދިނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އެލެގްޒެންޑާ މިޓްރޮވިޗެވެ.

ނަމަވެސް އޭގެ އަށް މިނެޓު ފަހުން އާސެނަލުގެ ކެޕްޓަން މާޓިން އެޑެގާޑް ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މި މެޗުން އާސެނަލް މޮޅުވި ލަނޑު މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ގެބްރިއަލްއެވެ.

މި މޮޅާއެކު އާސެނަލް އުޅެނީ މިހާތަނަށް ކުޅުނު ހަތަރު މެޗުވެސް ކާމިޔަބުކޮށް ތާވަލުގެ އެއްވަނައިގައެވެ. އަދި ފުލަމް އުޅެނީ ހަތަރު މެޗުން ލިބިފައިވާ ފަސް ޕޮއިންޓާއެކު ތާވަލުގެ 11 ވަނައިގައެވެ.