ދުނިޔޭގެ ވިޔަފާރި

ނެޓްފްލިކްސްގެ އިޝްތިހާރުތަކަށް ނަގާ އަގު ބޮޑުކުރަނީ


ނެޓްފްލިކްސްގެ އިޝްތިހާރުތަކަށް ނަގާ އަގަކީ ހަތް އެމެރިކާ ޑޮލަރާއި ނުވަ އެމެރިކާ ޑޮލަރާއި ދެމެދުގެ އަގެއް ކަމަށް ކަނޑައަޅަން ނެޓްފްލިކްސް އިން ރާވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ނެޓްފްލިކްސްގެ އިޝްތިހާރު ސަޕޯޓްކުރާ ޚިދުމަތަށް ގަޑިއަކު ހަތަރު މިނެޓުގެ އިޝްތިހާރު ވިއްކުމަށް ރާވާފައިވާ ކަމަށާއި، ޝޯތަކުގެ ކުރިންނާއި ޝޯތަކުގެ ތެރޭގައިވެސް އެ އިޝްތިހާރުތައް ދައްކާނެ ކަމަށް ނެޓްފްލިކްސް އިން ބުނެއެވެ.

ނެޓްފްލިކްސްގެ އަމާޒަކީ އިޝްތިހާރުތަކާއެކު ޝޯތައް ބަލަން ތައްޔާރަށް ތިބި ސަބްސްކްރައިބަރުން ޝައުގުވެރި ކުރުވުމެވެ. މިއީ މިހާރު މަހަކު 15.49 އެމެރިކާ ޑޮލަރު ޚަރަދުވާ ޕްލޭންގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައެވެ.

ނެޓްފްލިކްސް އިން އެޑް ސަޕޯޓެޑް ސަބްސްކްރިޕްޝަންގެ ޕްލޭން އެކުލަވާލާފައި މިވަނީ އިންފްލޭޝަން އިތުރުވުމުގެ ސަބަބުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ގާތްގަނޑަކަށް 200،000 ސަބްސްކްރައިބަރުން ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައި ވަނިކޮށެވެ.
ސަބްސްކްރައިބަރުން ގެއްލުމުގެ ސަބަބުން ނެޓްފްލިކްސްގެ އާމްދަނީ ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މިއާއެކު ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ނެޓްފްލިކްސްއިން 150 މީހުން ވަޒީފާއިން ވަކިކުރަންވެސް މިދިޔަ މެއި މަހު ވަނީ ނިންމާފައެވެ. ނެޓްފްލިކްސް އިން ބުނިގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި 2 މިލިއަން ސަބްސްކްރައިބަރުން ނެޓްފިލްކްސް ދޫކޮށްލާނެ ކަމަށް އެކުންފުނިން ލަފާކުރާ ކަމަށެވެ.

ނެޓްފްލިކްސްގެ ޗީފް އެގްޒެކެޓިވް ރީޑް ހެސްޓިންގްސް ވިދާޅުވި ގޮތުގައި އޭނާ އަބަދުވެސް ބަލާނީ ކަސްޓަމަރުން ހިތްހަމަޖެހޭ ގޮތަކަށް ކަންތައްތައް ހަމަޖައްސައިދިނުމަށެވެ.

ޖުލައި މަހު އެކުންފުނިން ވަނީ އެޑް ސަޕޯޓް ކުރާ ސަބްސްކްރިޕްޝަން ޕްލޭންގެ ޓެކްނޮލޮޖީ އާއި ސޭލްސް ޕާޓްނަރަކަށް މައިކްރޮސޮފްޓް ހޮވާފައެވެ.