ދުނިޔޭގެ ވިޔަފާރި

ޕެނަސޮނިކް އިން އިތުރު ކާރުޚާނާއެއް އުފައްދަނީ


އިލެކްޓްރިކް ކާރު އުފައްދާ ކުންފުނި ޓެސްލާ އިންކް އަށް ސަޕްލައިކުރާ ޕެނަސޮނިކް ހޯލްޑިންގްސް ކޯޕަރޭޝަނުން އެމެރިކާގައި އިތުރު އިލެކްޓްރިކް ވެހިކަލް (އީވީ) ބެޓެރީ ޕްލާންޓެއް އެޅުމަށް މަޝްވަރާ ކުރަމުންދާ ރިޕޯޓުތައް ބުނެފިއެވެ.

އެމެރިކާގެ ސްޓޭޓެއް ކަމަށްވާ، ކެންސަސް އަކީ އާ ކާރުޚާނާ ބަހައްޓަން ހޮވާފައިވާ ސްޓޭޓް ކަމަށް ޖުލައި މަހު ޕެނަސޮނިކުން ވަނީ ބުނެފައެވެ. އަދި 4 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކޮށްގެން އުފައްދާ މި ކާރުޚާނާ ވުޖޫދަށް އައުމުން 4،000 ވަޒީފާ އުފެދޭނެކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

އޮޓޯމޯޓިވް ބެޓެރީ ވިޔަފާރިއަށް ގެނެވޭނެ ތަފާތު ސްޓްރެޓެޖީތައް ހޯދަމުން އަންނަ ނަމަވެސް މިހާރުވެސް އިއުލާންކޮށްފައިވާ ކަންކަން އެއްފަރާތްކޮށް މިވަގުތު ހިއްސާކުރެވޭނެ އިތުރު މައުލޫމާތެއް ނެތް ކަމަށް ޕެނަސޮނިކްގެ ތަރުޖަމާނަކު ވަނީ ވިދާޅުވެފައެވެ.

އޮކްލަހޯމާ ޑިޕާޓްމަންޓް އޮފް ކޮމާސް އިން އޭރު ބުނި ގޮތުގައި އެ ޑިޕާޓްމަންޓާއި އެ ޑިޕާޓްމަންޓުގެ ޕާޓްނަރުން ޕެނަސޮނިކްގެ ބެޓެރީ ފެކްޓްރީ ޕްރޮޖެކްޓް ކަމަށްވާ ޕްރޮޖެކްޓް އޯޝަންއާ އެކު މަސައްކަތް ކުރަމުންދާ ކަމަށާއި ކުރިއަށް އޮތްތަނުގައި އެމީހުންނާ އެކު އިތުރު ފުރުސަތުތަކެއް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

އޭގެފަހުން އެ ޑިޕާޓްމަންޓުން ހުކުރު ދުވަހު ބުނީ ނޮން ޑިސްކޯސް އެގްރީމަންޓްތަކުގެ ސަބަބުން ޕްރޮޖެކްޓްތަކާ ބެހޭ ގޮތުން މިކަމާއި ގުޅޭ އިތުރު ވާހަކައެއް ނުދައްކާނެ ކަމަށެވެ. އޮކްލަހޯމާ އަކީ ޓެކްސަސްގެ އަވަށްޓެރި ސްޓޭޓެއް ކަމަށާއި، ޓެސްލާގެ ކާރާއި ބެޓެރީ އުފެއްދުމުގެ ވަސީލަތްތައް ހުންނަ ސްޓޭޓެކެވެ.

އަދި ޖަޕާނުގެ ކޮންގްލޯމެރޭޓުން ބުނީ ޓެކްސަސްގައި ހުންނަ ޓެސްލާގެ ޕްލާންޓަށް ބެޓެރީތައް ފޯރުކޮށްދިނުމަށް ކެންސަސް އާއި އޮކްލަހޯމާގައި ފެކްޓްރީތައް ގާއިމް ކުރެވިދާނެ ތަންތަން ބަލަމުން އަންނަ ކަމަށެވެ.

ޕެނަސޮނިކް އިން ޓެސްލާއާ ޕާޓްނަރޝިޕް ހަދާތާ ދިހަ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ކެލިފޯނިއާގެ ނެވާޑާގައި ހުންނަ އެ ކުންފުނީގެ ފެކްޓްރީން ބެޓެރީ ސަޕްލައި ކުރެއެވެ. އޮޓޯ އިންޑަސްޓްރީން އަންނަނީ ޑިމާންޑް ބޮޑުވުމުން އީވީ އުފެއްދުން އިތުރުކޮށް، ބެޓެރީތަކާއި ލިތިއަމް އާއި ކޯބަލްޓް ފަދަ ރޯ މެޓީރިއަލްތަކުގެ އޯޑަރުތައް އިތުރުކުރަމުންނެވެ.