ޚަބަރު

ދިއްގަރުގެ ތަރައްގީއަށް ގިނަ މަޝްރޫޢުތަކެއް ރައީސް އިއުލާންކުރައްވައިފި


މުލަކަތޮޅު ދިއްގަރުގެ ބިން ހިއްކުމުގެ މަޝްރޫޢު މިއަހަރު ނިންމާ، އެރަށުގެ ތަރައްޤީއަށް އިތުރު ގިނަ މަޝްރޫޢުތަކެއް ހިންގާނެކަމުގެ ވަޢުދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެވަޑައިގެންފިއެވެ.


މ.ދިއްގަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާރުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ދިއްގަރުގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ފަށްޓަވާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ރާއްޖޭގެ ރަށްތައް އުފެދިފައިވާގޮތުން ބައެއް ރަށްރަށަކީ ބިން ތިރި ރަށްރަށްކަމަށާއި، އޭގެތެރޭގެ މެދުރާއްޖެތެރޭގެ ދިއްގަރުފަދަ ރަށްތައް ހިމެނޭކަމަށެވެ. ދިއްގަރަކީ އުދައެރުމުގެ ސަބަބުން މެދުކެނޑުމެއްނެތި އެތައް އަހަރެއްވަންދެން ގެއްލުންވެފައިވާ ރަށެއްކަމަށާއި، އެއީ ކޮންމެ އަހަރަކު ރައްޔިތުން އުފުލަމުން އައި ތަކުލީފެއްކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ ކުރިން ސަރުކާރުތަކުގައިވެސް ރައްޔިތުން އެކަމުގެ ޝަކުވާ ހުށައަޅާފައިވާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެކި ސަރުކާރުތަކުން، އެކި ޕްލޭންތައްވެސް ރައްޔިތުންނަށް ދައްކާފައިވާނެކަމަށެވެ. ނަމަވެސް ދުވަސްވީ އެތަކުލީފަށް މިސަރުކާރުން ހައްލެއް ގެނެސްދެވުނުކަމުގެ ހިތްހަމަޖެހުން ރައީސް ފާޅުކުރެއްވިއެވެ.

ދިއްގަރުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިންމާލެވުނީ އެތައް ބައެއްގެ ބުރަ މަސައްކަތުންކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މަސައްކަތް އަވަސްވީ މިކަމަށް ބޭނުންވެފައިތިބި މިންވަރު ރައްޔިތުން ސަރުކާރާއި ހިއްސާކޮށް، މެންބަރަކު އިންތިޚާބުކޮށް ސަރުކާރާއެކު މިކަން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުންކަމަށެވެ.
.
ސަރުކާރުން ކުރާ މަސައްކަތް ކުރިއަށް ގެންދިއުމުގެ ވިސްނުން ހުންނަ ފަރާތްތަކާއެކު މަސައްކަތްކުރަން ފަސޭހަވާނެކަމަށާއި، ނަމަވެސް ޚިޔާލުތަފާތުވުންތަކާއެކުވެސް ރައްޔިތުންނަށް ރައްޔިތުންގެ ވެރިކަމެއް ކޮށްދެއްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ.


ދިއްގަރުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން 700 މީޓަރު ސަރަހައްދަކަށް ވެލި އަޅައި ހިލަ ތޮށި ލެވިފައިވާކަމަށާއި، މިކަމުން ލިބޭ ހިމާޔަތް ބަލައި، ރަނގަޅުކުރަންޖެހޭ ކަމެއް އޮތްނަމަ އެކަމެއް ރަނގަޅުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ދިއްގަރަށް ދިމާވެފައިވާ ދެވަނަ ބޮޑު މައްސަލައަކީ ބިން ފުރިފައި އޮތުންކަމަށް ވިދާޅުވިއެވެ.

"މިރަށުގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން އަޅުގަނޑުމެން ވައުދުވީ 25 ހެކްޓަރުން 17 ހެކްޓަރު އެވަނީ ނިމިފައި. ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެމްޓީސީސީން ތައްޔާރުވަނީ އެ ބިން ހިއްކާ އަޅުގަނޑުމެން ވީ ވައުދު ފުއްދުމަށް." ރައީސް ވިދާޅުވިއެވެ.

25 ހެކްޓަރާއެކު ޖުމްލަ 39 ހެކްޓަރު ދިއްގަރުގެ ބިމަށް ބޮޑުވެގެންދާނެކަމަށާއި އެއީ ރަށުގެ ދެގުނަކަމަށް ރައީސް ވިދާޅުވިއެވެ. ރައީސްގެ ވާހަކަފުޅުގައި ބިންހިއްކާ ނިމުމުން އެ ބިން ފައިދާހުރި ގޮތަށް ބޭޏުންކުރެވޭނެގޮތަށް ޕްލޭންތައް ގެންދިއުމުގެ ކައުންސިލަށް ގޮވާލެއްވިއެވެ. އެގޮތުން އެތަނުގެ ޕްލޭން ހައްދަވާއިރު ރައްޔިތުންނަށްވީހާވެސް ފައިދާވާނެ އަދި ވަޒީފާ އުފެދޭނެގޮތަށް ރޭވުމަށްވެސް ރައީސް އިލްތިމަސްކުރެއްވިއެވެ.

1100އަށްވުރެ ގިނަ މީހުން ރަށުގައި ދިރިއުޅޭއިރު ރަށަށް ބޭނުންވާ ގިނަ ޚިދުމަތްތަކެއް ހުންނާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ފެނުގެ ނިޒާމުގެ ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތްކުރައްވާކަމަށެވެ. އެގޮތުން 30 މެޓްރިކްޓަރުން 50 މެޓްރިކްޓަށް މިއަހަރު އިތުރުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ދިއްގަރު ސްކޫލް އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ދަށުން، އެ ސްކޫލްގައި މަލްޓިޕާޕަސް ހޯލެއް އިތުރުކުރައްވާނެކަމަށާއި، ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމަށްވެސް ހައްލެއް ގެނައުމަށާއި، ބަޖެޓުގެ ދަތިކަމަށް ވެސްހައްލެއް ގެނައުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ދިއްގަރު ބަނދަރަށް ޖާގައިގެ ދަތިކަން އޮތްކަމަށާއި، މިއަހަރު ފަހު ކުއާޓަރ ނުވަތަ އަންނަ އަހަރު ކުރީކޮޅު ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު ފަށްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ކުރިއަށްދާން ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވިއެވެ.