ކުޅިވަރު

ހަޔަރ އެޑިއުކޭޝަން ވޮލީބޯލް ޗެމްޕިއަންޝިޕް: އެވިޑް ބަލިކޮށް އެމްއެންޔޫއަށް ރަނގަޅު ފެށުމެއް


ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (ޢެމްއެންޔޫއެސްޔޫ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އެމްއެންޔޫއެސްޔޫ ހަޔަރ އެޑިއުކޭޝަން ވޮލީބޯލް ޗެމްޕިއަންޝިޕުގައި އެވިޑް ކޮލެޖު ބަލިކޮށް އެމްއެންޔޫއިން ފެށުން ރަނގަޅުކޮށްފިއެވެ.

ހުކުރު ދުވަހުގެރޭ އެމްއެންޔޫގެ ޕީއީ ހޯލުގައި ކުރިއަށްދިޔަ މި މެޗު އެމްއެންޔޫއިން ކާމިޔާބުކުރީ 3-2 ސެޓުންނެވެ.

މެޗުގެ ފުރަތަމަ ދެ ސެޓު އެމްއެންޔޫއިން ވަނީ ފަސޭހަކަމާއެކު ކާމިޔާބުކޮށްފައެވެ. މި ދެ ސެޓު އެމްއެންޔޫއިން ގެންދިޔައީ 25-16 އަދި 25-19 އިންނެވެ.

އެކަމަކު ތިންވަނަ ސެޓާއި ހަތަރުވަނަ ސެޓު އެވިޑުން ވަނީ ތަފާތު ރޫހެއްގައި ކުޅެ ކާމިޔާބުކޮށްފައެވެ. މި ދެ ސެޓު އެވިޑުން ގެންދިޔައީ 25-23 އަދި 25-20 އިންނެވެ.

މެޗުގެ ފަހު ސެޓުގެ ކުރީކޮޅު އެވިޑުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، މެޗުގެ ފަހުކޮޅު އެމްއެންޔޫއިން ވަނީ ކުޅުން ރަނގަޅުކޮށް މި ސެޓު ކާމިޔާބުކޮށްފައެވެ. މި ސެޓު އެމްއެންޔޫއިން ގެންދިޔައީ 16-14 އިންނެވެ.

އެމްއެންޔޫ އިން ވަނީ މީގެ ކުރިން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ކުރިއަށް ގެންދިޔަ އިންޓަރ ކޮލެޖު / ޔުނިވަރސިޓީ ވޮލީބޯޅަ މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަނުގެ މުބާރާތް މިލްކުކޮށްފައެވެ. އަދި މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީވެސް އެމްއެންޔޫއެވެ. އެގޮތުން އެމްއެންޔޫއިން ވަނީ ޖުމްލަ ފަސް ފަހަރު އިންޓަރ ކޮލެޖު / ޔުނިވަރސިޓީ ވޮލީބޯޅަ މުބާރާތް ކާމިޔާބުކޮށްފައެވެ.