ކުޅިވަރު

ގައްބެ ހުކުރު ދުވަހު ދަތުރެއް ނުކުރާނެ


ރިޔަލު ކަނދެއްގައި ރާއްޖެ ވަށާ ބުރު ޖެހުމުގެ
ތާރީޚީ ދަތުރަށް ފަށާފައިވާ އަބުދުލްޣަފޫރު އަލީ، ގައްބެ ހުކުރު ދުވަހު
ދަތުރުނުކުރާނެކަމަށް އެޓޯލް ސެއިލަރއާއި ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
އެހެންކަމުން މިއަދުވެސް އޭނާ ދަތުރުނުކޮށް މަޑުކުރާނީ ލ.އަތޮޅުގައެވެ.



ތ.އަތޮޅުން ފުރައިގެން ބުދަ ދުވަހު މެންދުރުފަހު
ގައްބެ ވަނީ ލ.އަތޮޅަށް ގޮސްފައެވެ. ފޮނަދޫއަށް ދިއުމަށްފަހު، ފޮނަދޫން ގައްބެ
ދިޔައީ ގަމަށެވެ. ލ.އަތޮޅުގެ ގުޅިވައިވާ ރަށްތަކަށްވެސް ކެޓަމަރާން ނުވަތަ ރިޔަލު
ކަނދުގައި ގައްބެ ވަނީ ދަތުރުކޮށްފައެވެ. އެއީ ވައޮބާރުވުމުގެ ސަބަބުން އިއްޔެ
ދަތުރު ނުކުރެވުމުންނެވެ.



މީގެއިތުރުން އޭނާ ވަނީ ލ.އަތޮޅުގެ ތާރީޚީ ބައެއް
ތަންތަނަށާއި، ޤުދުރަތީ ރީތިކަން ބަލާލަން އެކި ތަންތަނަށް ޒިޔާރަތްކޮށްފައެވެ.
އޭގެތެރޭގައި ޕަރީ ފެންގަނޑާއި، ހަތްތެލި އަދި ޑައިވް ސެންޓަރު ހިމެނެއެވެ.
ލ.އަތޮޅުގެ ރައްޔިތުންނާއިއަތޮޅު ކައުންސިލާއި، އަތޮޅު ކައުންސިލާއި، ޕޮލިސް
ސްޓޭޝަނާއި، ދިރާގާއި، ރެވެރީސް ޑައިވިންގ ވިލެޖުން ގައްބެއަށް ވަނީ ވަރަށް
ރަނގަޅު މަރުހަބާއަކާއި މެހްމާންދާރީއެއް ދީފައެވެ.



މިތާރީޚީ ދަތުރުގައި ގައްބެ ދެން ދަތުރުކުރާނީ
ރާއްޖޭގެ އެންމެ ބޮޑު އެއް ކަނޑުކަމަށްވާ ހުވަދޫ ކަނޑު ހުރަސްކޮށް ހުވަދުއަތޮޅަށެވެ.
މޫސުން ރަނގަޅު ނަމަ މާދަމާ ހެނދުނު އޭނާ އަލުން ދަތުރަށް ފަށާނެއެވެ.



މިއީ
ވިޒިޓް ބޯލްޑިވްސް އިޔަރ 2016 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން
ޕްރޮމޯޓްކުރުމުގެ މަޤްޞަދުގައި ކުރަމުންގންދާ ތާރީޚީ ދަތުރެކެވެ.