ވިޔަފާރި

އެގްރޯނެޓަށް ދޫކޮށްފައިވާ ފަޅުރަށުން ދަނޑުވެރިކަމަށް ބިންދޫކުރަނީ


އެގްރޯނެޓަށް ސަރުކާރުން ދޫކޮށްފައިވާ 2 ފަޅުރަށުގެ ތެރެއިން އެއްރަށުން ކުރިއަށްއޮތް 3 މަސްދުވަހުގެ ތެރޭގައި ބިން ދޫކުރާނެކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ.

އެގްރޯނެޓަށް ސަރުކާރުން ދޫކޮށްފައިވާ 2 ރަށަކީ ލ.ގާދޫއާއި ހއ. މުލިދޫއެވެ. މި 2 ރަށުގެ އެއްބަސްވުމުގައި އެގްރޯނެޓާއި މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއާއި ދެމެދު ސޮއިކޮށްފައިވަނީ 2021ވަނަ އަހަރުގެ މޭމަހުގެ ތެރޭގައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެގްރޯނެޓްގެ މެނޭޖިންގ ޑިރެކްޓަރ ހާރޫން ރަޝީދު ވިދާޅުވީ، އެގްރޯޓަށް ދޫކޮށްފައިވާ 2 ފަޅުރަށުގެ ތެރެއިން މިހާރު ތަރައްޤީކުރަމުންދަނީ ލ.ގާދޫކަމަށެވެ. މުޅި ރަށް ތަރައްޤީކޮށް ދަނޑުވެރިންނަށް ބޭނުންވާ ބިން ދޫކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

ދަނޑުވެރިން އެރަށުގައި ދަނޑުވެރިކަންކޮށް ދަނޑުވެރިން ހައްދާ ބާވަތްތައްވެސް އެގްރޯނެޓުން ގަންނާނެކަމަށް އޭނާ ވިދާޅުވިއެވެ. ރަށް ތަރައްޤީކުރަނީ ދަނޑުވެރިކަމުގައި ބޭނުންވާ ޓެކްނޮލޮޖީގެ އެހީތެރިކަންވެސް ލިބޭނެގޮތަކަށްކަން އޭނާ ފާހަގަކުރެއްވިއެވެ. ކުރިއަށްއޮތް ދެތިން މަސްދުވަހުގެ ތެރޭގައި އެތަނުން ދަނޑުވެރިންނަށް ބިން ދޫކުރެވިގެންދާނެކަމަށް ހާރޫން ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ އެތަނުގެ ބިން ސާފުކުރުމާއި، ސްޓާފުން ތިބެވޭނެ އިންތިޒާމް ހެދުމާއި، އަޅުގަނޑުމެން މިބަލަނީ ކުރިއަށްއޮތް 3 މަސް ދުވަހުގެ ތެރޭގައި އެތަތަން ޑިވެލޮޕްކޮށް ސްޓާފުން އެތަނުގައި ޤާއިމްކޮށް ބައިތިއްބާ އަދި އެތަންތަނުން ބިން އަޅުގަނޑުމެންނަށް ދެވޭވަރުވާނެ. އެ އަމާޒަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ މިހާރު. ގާތްގަނޑަކަށް ކުރިއަށްއޮތް 3 މަހު އެތަންތަނުން ރައްޔިތުންނަށް ބިން ދިނުމަށް ހުޅުވާލާނަން." ހާރޫން ވިދާޅުވިއެވެ.

އެގްރޯނެޓުން މިހާތަނަށް ރާއްޖޭގެ 60 އަށްވުރެ ގިނަ ރަށަށް ދަތުރުކޮށް އެގްރޯނެޓްގެ ކޮންޓްރެކްޓް ފާމިންގ މަޝްރޫއާއި ގުޅޭ މައުލޫމާތާއި ދަނޑުވެރިކަމުގެ މައުލޫމާތު ވަނީ ފޯރުކޮށްދީފައެވެ. އަދި ރާއްޖޭގެ 38 ރަށެއްގެ ދަނޑުވެރިން އަންނަނީ އެގްރޯނެޓާއިއެކު މަސައްކަތް ކުރަމުންނެވެ.