އިނގިރޭސިވިލާތުގެ ތިން ޤައުމެއްގެ މައްޗަށް އެކުލެވާ ބްރިޓަންއިން މި އަހަރު ކަނޑާ ގޮވާމުގެ ޢަދަދަކީ 1984ވަނަ އަހަރުން ފެށިގެން އަހަރެއްގެ މައްޗަށް ގޮވާން ކަނޑާފައިވާ މިންވަރާ އަޅާ ބަލާއިރު އެންމެ ދަށް ޢަަދަދު ކަމަށް ވުން އެކަށީގެންވާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
މި އަހަރުގެ ބަހާރު މޫސުމާއި ހޫނު މޫސުމަކީ މިހާތަނަށް ބްރިޓަންގައި ރެކޯޑު ކުރެވިފައިވާ އެންމެ ހިކި އަދި ހޫނު ދުވަސްވަރެވެ. ހޫނުގަދަވުމުގެ ސަބަބުން ބްރިޓަންގެ ގޮވާންދަނޑު
ތައް ދަނީ ހިކެމުންނެވެ. މި އަހަރުގެ ޖޫން މަހަކީ އިންގްލެންޑުގައި މިހާތަނަށް ރެކޯޑުކުރެވިފައިވާ އެންމެ ހޫނު ޖޫނު މަހެވެ. އަދި ޖުމްލަކޮށް އިނގިރޭސިވިލާތުގެ ދެވަނައަށް އެންމެ ހޫނު ޖޫން މަހެވެ.
އިނގިރޭސިވިލާތުގެ އެނާޖީ އެންޑް ކްލައިމެޓް އިންޓެލިޖެންސް ޔުނިޓުން ބުނީ ހޫނުގަދަވެ ދަނޑު ހެއްދުމަށް ކުރިމަތިވެފައިވާ އުނދަގޫ ޙާލަތުގެ ސަބަބުން އާންމުކޮށް ކަނޑާ ގޮވާމާއި އޮއިލްސީޑުގެ މިންވަރު މީގެ ކުރިން ލަފާކޮށްފައިވާ މިންވަރަށް ވުރެ 2.5 މިލިުަން މެޓްރިކް ޓަނުން މަދުވެފައިވުން އެކަށީގެންވާ ކަމަށެވެ. އޭގެ ސަބަބުން އިނގިރޭސިވިލާތުގެ ދަނޑުވެރިންނަށް 524 މިލިޔަން އެމެރިކާ ޑޮލަރުގެ އާމްދަނީ ގެއްލޭނެ ކަމަށް ބެލެވޭ ކަމަށް އެ އިދާރާއިން ބުނެއެވެ.
އެ ޤައުމުގެ އެގްރިކަލްޗަރ އެންޑް ހޯޓިކަލްޗަރ ޑިވެލޮޕްމެންޓް ބޯޑުން ވަނީ ގޮދަނާއި ސްޕްރިންގ ބާރުލީއާއި އޯޓްސްގެ ބާވަތްތައް ކަނޑާ މިންވަރު ދަށަށް ދާނެ ކަމަށް ބުނެފައެވެ. އެގޮތުން ގޮވާން ކަނޑާ މިންވަރު ކޮންމެ ހެކްޓަރަކުން 6.8 ޓަނަށް ވުރެ ދަށް ވާނެ ކަމަށް
ބެލެވެއެވެ. އެއީ ފާއިތުވި ދިހަ އަހަރުގެ އެވަރެޖަށް ވުރެ ދަށް ޢަދަދެކެވެ.
އިނގިރޭސިވިލާތުގައި ހައްދާފައިވާ ގޮވާމުގެ 54 އިންސައްތަ މިހާރު ކަނޑާފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި ގޮވާން ކެނޑޭ މިންވަރު ދަށަށް ދާ ނަމަ އެ ޤައުމުން ކަނޑާ ގޮވާމާއި އޮއިލްސީޑުގެ ޖުމްލަ ޢަދަދު ހުންނާނީ ގާތްގަނޑަކަށް 19.5 މިލިޔަން ޓަނުގައެވެ. އެއީ 2020ވަނަ އަހަރު ކޯވިޑް-19ގެ ދުވަސްވަރު ގޮވާން ކަނޑާފައިވާ މިންވަރަށް ވުރެ ވެސް ދަށް ޢަދަދަކަށް ވެގެންދާނެއެވެ.
ވާރޭ ނުވެހި ގިނަ ދުވަސްވުމުގެ ސަބަބުން ބްރިޓަންގައި ބައެއް ބާވަތްތަކުގެ ކާނާ ލިބޭ މިންވަރު މަދުވުން އެކަށީގެންވާ ކަމަށް އިނގިރޭސިވިލާތުގެ ދަނޑުވެރިންގެ ޤައުމީ ޔޫނިއަނުން ވަނީ އިންޒާރު ދީފައެވެ. ފެން ރައްކާ ކުރުން ހަރުދަނާ ކުރުމަށް ދަނޑުވެރިކަމުގެ ސިނާޢަތުން ޓެކްސް ނެގުމުގައި ލުއި ދިނުމަށް އެ ޔޫނިއަނުން ވަނީ ގޮވާަލައިފައެވެ.