ޚަބަރު

ސަލްމާންގެ ކުރިއަށް އޮތް ފިލްމަށް ކިޔަނީ "ކިސީ ކާ ބާއީ ކިސީ ކީ ޖާން"


ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ ތަރިންގެ ތެރޭގައި ގުނާލެވޭ ސަލްމާން ޚާން، ހިންދީ ސިނަމާގައި މަސައްކަތްކުރާތާ 34 އަހަރު މިވަނީ ވެފައެވެ.

ސަލްމާން އެންމެ ފުރަތަމަ ސްކްރީނުން ފެނިގެންދިޔައީ މީގެ 34 އަހަރު ކުރިން 26 އޮގަސްޓް 1988 ގައި ރިލީޒްކުރި ފިލްމު "ބީވީ ހޯ ތޯ އޭ ސީ ހޯ" އިންނެވެ. އެހެންނަމަވެސް ބެލުންތެރިންގެ މެދުގައި އޭނާ ބޮޑަށް މަޤުބޫލުވެގެންދިޔައީ ޖެހިގެން އައި އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމު "މޭނޭ ޕްޔާރު ކިޔާ"އިންނެވެ. މިހާރު ސަލްމާން އަކީ ހިންދީ ސިނަމާގެ އެންމެ ބޮޑު އެއް ސުޕަރސްޓާރެވެ.

ސަލްމާންގެ ކުރިއަށް އޮތް ފިލްމު އަދި މިއަހަރުގެ ޑިސެމްބަރުގައި ކުރިން ރިލީޒްކުރާގޮތަށް ނިންމާފައިވާ "ކަބީ އީދު ކަބީ ދިވާލީ" ގެ ނަން "ބައިޖާން" އަށް ބަދަލުކޮށްފައިވާ ކަމަށް އަޑު އަރާފައި ވަނިކޮށް އޭގެ އަސްލު ނަން ސަލްމާން މިހާރު މިވަނީ އިޢުލާނުކޮށްފިއެވެ.

ސަލްމާންގެ ކުރިއަށް އޮތް ފިލްމަށް ކިޔާ އަސްލު ނަން އޭނާ ހާމަކޮށްފައިވަނީ ދާއިރާގައި މަސައްކަތްކުރާތާ 34 އަހަރު ފުރުން ފާހަގަކުރުމުގެގޮތުން ސޯޝަލް މީޑިއާއަށް އޭނާ ދޫކޮށްލި ޕޯސްޓެއްގައެވެ.

މި ޕޯސްޓުގައި ދާއިރާގައި އޭނާއަށް ކުރިއަށްދާން ލިބުނު ލޯތްބާއި ހިތްވަރަށް ސަލްމާން ވަނީ ޝުކުރު އަދާކޮށްފައެވެ. ޕޯސްޓުގެ ކެޕްޝަނަކަށް ބޭނުންކޮށްފައިވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ކިސީ ކާ ބާއީ ކިސީ ކީ ޖާން"އެވެ. ވީޑިއޯ ޕޯސްޓެއްގެގޮތުގައި ސަލްމާން ދޫކޮށްލި މި ޕޯސްޓުގައި ޝުކުރުގެ ބަހަށްފަހު އޭނާ މި ފިލްމުން ފެނިގެންދާނެގޮތްވެސް ދައްކާލާފައިވެއެވެ.


ފަރުހާދު ސަމްޖީ ޑައިރެކްޓުކުރާ މި ފިލްމުގައި ސަލްމާން ފެންނީ ދިގު އިސްތަށިގަޑެއްގައި ތަފާތު ގޮތަކަށެވެ. މި ފިލްމު ވެގެންދާނީ 3 އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު ފުރިހަމަ ރޯލަކުން ސަލްމާން ބޮޑު ސްކްރީނަށް އެނބުރި އައުން ފާހަގަކުރާ ފިލްމަށެވެ. މި ފިލްމަކީ އެކްޝަން، ކޮމެޑީ، ޑްރާމާ، ރޮމޭންސް އަދި ހިތްގައިމު ލަވަތަކެއް ހިމެނޭނެ ފިލްމެއްކަމަށް ބެލެވޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ފިލްމުގައި ލީޑް އެކްޓްރެސްއެއްގެ ގޮތުގައި ފެނިގެންދާނީ ޕޫޖާ ހެޖްއެވެ. އޭނާގެ އިތުރުން މި ފިލްމުގައި ހިމެނޭ އިތުރު ކާސްޓުންގެ ތެރޭގައި ޖޭސީ ގިލް، ރާގަވް ޖުޔަލް، ސިދާތު ނިގަމް އަދި ބިގްބޮސް ސީޒަން 13 އިން ވިދާލި ޝެހެނާޒް ގިލްވެސް ހިމެނެއެވެ.

"ކިސީ ކާ ބައި ކިސީ ކީ ޖާން" އަކީ ތަމަޅަ ޑައިރެކްޓާ އަޖިތް ކުމާރު ޑައިރެކްޓްކޮށްފައިވާ ފިލްމު "ވީރަމް" ގެ ހިންދީ ރީމޭކެވެ. ސަލްމާންގެ ކުރިއަށްހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ކެޓްރީނާއާއެކު ފެނިގެންދާ "ޓައިގާ 3" ހިމެނެއެވެ. މީގެ އިތުރުން އަންނަ އަހަރުގެ ޖެނުއަރީމަހު ރިލީޒްކުރާ ޝާހްރުކް ޚާންގެ "ޕަތާން"އިން ޚާއްސަ ފެނިލުމަކުން ސަލްމާން ފެނިގެންދާނެއެވެ.