އޮލިމްޕިކް ސްކޮލާޝިޕުގެ ދަށުން ރާއްޖޭގެ ޓޭބަލް ޓެނިސް ތަރި ފާތިމަތު ދީމާ އަލީއަށް ފްރާންސްގެ މަޝްހޫރު ހެނެބޯންޓް ޓޭބަލް ޓެނިސް ޓްރެއިނިން ސެންޓަރުގައި ތަމްރީނު ހެދުމުގެ ފުރުސަތު ލިބިއްޖެއެވެ.
މިއީ 2024 ވަނަ އަހަރު ފްރާންސްގެ ޕެރިހުގައި ބާއްވާ އޮލިމްޕިކްސްއަށް ކޮލިފައިވުމަށް އެހީތެރިވެދިނުމުގެ ގޮތުން އަރަމުން އަންނަ އުއްމީދީ ކުޅުންތެރިންނަށް އަމާޒުކޮށް ދެމުން އަންނަ ސްކޮލާޝިޕެކެވެ. އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) ގެ އެހީތެރިކަމާއެކު މި ސްކޮލާޝިޕަށް އެތުލީޓުން ހޮވުމުގައި އެ އެތުލީޓަކު ހޯދަމުންދާ ކާމިިޔާބީތަކަށް ބަލާނެއެވެ.
މި ސްކޮލާޝިޕުގެ ދަށުން ދީމާ ފްރާންސްގެ ޓްރެއިނިން ސެންޓަރުގައި ތަމްރީނު ފުރިހަމަކުރާނީ އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން 2024 ގެ އޮލިމްޕިކްސްއާ ހަމައަށެވެ. އެހެންކަމުން މި މުއްދަތުގައި ދީމާގެ ކިޔެވުމުގެ ކަންކަންވެސް ކުރިއަށްދާނީ މި ސްކޮލާޝިޕުގެ ދަށުން ފްރާންސްގައެވެ.
ދުނިޔޭގެ ނަން މަޝްހޫރު ޓޭބަލް ޓެނިސް ޓްރެއިނިން ސެންޓަރުތަކުގެ ތެރޭގައި ހިމެނޭ ހެނެބޯންޓް ޓްރެއިނިން ސެންޓަރަކީ ކާމިޔާބު އެތުލީޓަކަށް ހެދުމަށް ގިނަ ކަންކަމަށް ބަލަމުން އަންނަ ތަނެކެވެ. ޚާއްސަކޮށް ކިޔެވުމާއި ސިއްހީގޮތުން ބަލަންޖެހޭ ބެލުންތައް ބެލުމާ ފެންވަރު ރަނގަޅު ކޯޗުންނާއެކު ތަމްރީނުވުން ހިމެނެއެވެ.
ރާއްޖޭގެ ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ވަނީ މި ސްކޮލާޝިޕް ދީމާއަށް ލިބުމާއެކު ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ރައީސް މުޙައްމަދު އަބްދުއްސައްތާރު (ޗަމްޕީ) ކުރެއްވި މަސައްކަތް ފާހަގަކޮށްފައެވެ. އަދި މި ފުރުސަތު ހޯދައިދިނުމުގައި އެމްއޯސީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަޙްމަދު ސައީދުގެ ދައުރުވެސް ވަނީ ފާހަގަކޮށްފައެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު އެތުލީޓުންތަކުގެ ތެރޭގައި ހިމެނޭ އުމުރުން 14 އަހަރުގެ ދީމާ ވަނީ މިހާތަނަށް ރާއްޖެއަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައެވެ. އެގޮތުން 2019 ވަނަ އަހަރު އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައިއޯއައިޖީ) ގައި ދީމާ ވަނީ ތިން ރަން މެޑެލް ހޯދާފައެވެ. އަދި އެ އަހަރު އޮތް ސައުތު އޭޝިއަން ގޭމްސްގައިވެސް ދީމާ ހިމެނޭ އަންހެން ޓީޓީ ޓީމު ވަނީ ޓީމު އިވެންޓުން ލޯ މެޑެލް ހޯދާފައެވެ. އަދި ދާދި ފަހުން ނިމިދިިޔަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ދީމާ ހިމެނުނު އަންހެން ޓީޓީ ޓީމުން ވަނީ ޓީމު އިވެންޓުގައި އަށް ގައުމާ ވާދަކޮށް ލޯ މެޑެލް ހޯދާފައެވެ.