ކުޅިވަރު

ވައިބޯގް ބަލިކޮށް ވެސްޓް ހޭމް ޔޫރޮޕާ ކޮންފަރެންސް ލީގަށް


ޔުއެފާ ޔޫރޮޕާ ކޮންފަރެންސް ލީގުގެ ކޮލިފައިން ޕްލޭއޮފުގައި ވައިބޯގް ބަލިކޮށް ގްރޫޕް މަރުހަލާއިން ވެސްޓް ހޭމް ޔުނައިޓެޑް ޖާގަ ހޯދައިފިއެވެ.

އެޓީމް މުބާރާތުގެ ގްރޫޕް މަރްހަލާއިން ޖާގަހޯދީ ވައިބޯގާ ވާދަކޮށް 6-1 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

މިދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގްގައި ވެސްޓް ހޭމްގެ ދަނޑުގައި ކުޅެ އެޓީމް މެޗް ކާމިޔާބުކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ. އަދި ވައިބޯގްގެ ދަށުގައި ރޭ ކުޅުނު ދެވަނަ ލެގް ވެސްޓް ހޭމްއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

ވެސްޓް ހޭމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ވެސްޓް ހޭމްއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު ވެސްޓް ހޭމްއަށް ކާމިޔާބު ކޮށްދިނީ މެޗްގެ 22 ވަނަ މިނެޓްގައި ޖިއާންލޫކާ ސްކަމަކާއެވެ. އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 51 ވަނަ މިނެޓްގައި ޖަހަދިނީ ސައިދު ބެންރަހްމާއެވެ. އަދި ފަހު ލަނޑު މެޗްގެ 63 ވަނަ މިނެޓްގައި ޖަހަދިނީ ޓޯމަސް ސޮއުޗެކްްއެވެ.

މިކާމިޔާބީއާއެކު ވެސްޓް ހޭމް މިމުބާރާތުގެ ގްރޫޕް މަރްހަލާއަށް ގޮސްފައިވާއިރު އެޓީމް ގްރޫޕް މަރްހަލަގައި ވާދަކުރާ ޓީމްތައް އެނގިގެން ދާނީ މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ގުރުއަތުލުމަށްފަހުއެވެ. ޕްރިމިއަރ ލީގުގައި މިސީޒަންގައި ވެސްޓް ހޭމްގެ ފެށުން އަދި ދަނީ ވަރަށް ގޯސްކޮށެވެ. މިގޮތުން އެޓީމް މިހާތަނަށް ކުޅުނު ތިން މެޗުންވެސްވަނީ ބަލިވެފައެވެ. ނަމަވެސް ރޭގެ މެޗްގައި އެޓީމްގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެންގޮސްފައެވެ. މިދިޔަ ސީޒަންގައިވެސް ވެސްޓް ހޭމްއިން ވަނީ ޔޫރޮޕާ ލީގުގެ ސެމީފައިނަލަށް ދަތުރުކޮށްފައެވެ.