ވިޔަފާރި

މިއަހަރުގެ ވެކޭޝަން އެކްސްޕޯ އޮކްޓޯބަރުގައި ބާއްވަނީ


މިއަހަރުގެ ވެކޭޝަން އެކްސްޕޯ އޮކްޓޯބަރު މަހު ބާއްވަން ނިންމައިފިއެވެ. މިއީ ވެކޭޝަން އެކްސްޕޯ ބާއްވާ 5 ވަނަ އަހަރެވެ.

ވެކޭޝަން އެކްސްޕޯއަކީ ޗުއްޓީއާ ދިމާކޮށް ރާއްޖެއާއި ރާއްޖޭން ބޭރުގެ މަންޒިލްތަކަށް ދަތުރުކުރަން ބޭނުންވާ ދިވެހިންނަށް އެމަންޒިލްތަކާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ އެކްސްޕޯއެކެވެ. އެގޮތުން މިއެކްސްޕޯގެ ތެރެއިން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަތުރުވެރިކަމުގެ ދާއިރާއާއި އެއަރލައިން އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކުން ކޮންމެ އަހަރަކުވެސް ބައިވެރިވެއެވެ. މިއީ ހައިރައިޒުން އިންތިޒާމްކޮށްގެން ބާއްވާ ހަރަކާތެކެވެ.

މިއަހަރުގެ ވެކޭޝަން އެކްސްޕޯ އޮންނާނީ އޮކްޓޯބަރ 27 އިން 29 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައިކަމަށް ހައިރައިޒުން ބުނެއެވެ. މިއަހަރުގެ އެކްސްޕޯގެ މެއިން ސްޕޮންސަރަކީ އޭސް ޓްރެވެލްސް މޯލްޑިވްސްއެވެ. ކޯ-ސްޕޮންސަރުންނަކީ އިނަރ މޯލްޑިވްސް ހޮލިޑޭސްއާއި އޭސް އޭވިއޭޝަން ސަރވިސަސް މޯލްޑިވްސްއެވެ.

ހައިރައިޒުން އެންމެ ފުރަތަމަ ވެކޭޝަން އެކްސްޕޯ ބާއްވާފައިވަނީ 2016 ވަނަ އަހަރުއެވެ. ކޯވިޑް-19 އާއި ގުޅިގެން 2020 އަދި 2021 ވަނަ އަހަރު ވެކޭޝަން އެކްސްޕޯ ބޭއްވޭގޮތް ވަނީ ނުވެފައެވެ.

މިއަހަރުގެ އެކްސްޕޯގައިވެސް ބައިނަލްއަޤްވާމީ އެއަރލައިންތަކާއި، ޓްރެވެލް އެޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުންނާއި، ރިސޯޓްތަކާއި ގެސްޓްހައުސްތަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވެކޭޝަން އެކްސްޕޯއާއި ދިމާކޮށް ކުންފުނިތަކާއި އެއަރލައިންތަކުން ތަފާތު ޕެކޭޖްތައްވެސް ތައާރަފްކުރާނެއެވެ.