ވިޔަފާރި

އެމްއެމްޕީއާރުސީން ދެކުނު އިރުމަތީ އޭޝިއާގައި ރާއްޖެ އިޝްތިހާރުކުރަނީ


ދެކުނު އިރުމަތީ އޭޝިއާގައި ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން އިންޑޮނޭޝިޔާގެ މަޝްހޫރު އޮންލައިން ޓްރެވެލް އޭޖެންސީ ޓްރެވެލޯކާއާ ގުޅިގެން ޑިޖިޓަލް ކެންޕެއިނެއް ފަށައިފިއެވެ. މި ކެމްޕެއިން ކުރިއަށްދާނީ 3 މަސްދުވަހަށެވެ.

އިންޑޮނޭޝިއާގެ އެންމެ މަޝްހޫރު އޮންލައިން ޓްރެވެލް އެޖެންސީކަމަށްވާ ޓްރެވެލޯކާއަކީ ދެކުނުއިރުމަތީ އޭޝިޔާ އަދި އޮސްޓްރޭލިޔާގައިވެސް ހަރަކާތްތެރިވާ ޔުނިކޯން ކޮންޕެނީއެކެވެ. ޓްރެވެލޯކާގެ ފޯނު އެޕްލިކޭޝަން ވަނީ 60 މިލިއަނަށްވުރެ ގިނަ ފަހަރު ޑައުންލޯޑްކޮށްފައެވެ. އަދި މި ޕްލެޓްފޯމް މަހަކު 40 މިލިއަނަށް ވުރެ ގިނަ ފަހަރު ބޭނުންކުރެއެވެ.

ދުނިޔޭގެ 150 އެއަރލައިންއާއި ގުޅިގެން 200،000 ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ރޫޓްތައް ޓްރެވެލޯކާގެ ޒަރިއްޔާއިން ފަތުރުވެރިންނަށް ފޯރުކޮށްދެއެވެ. މި ކެމްޕެއިނުގެ ދަށުން ފޭސްބުކްއާއި އިންސްޓަގްރާމް އަދި ގޫގްލްގެ ޒަރިއްޔާއިން ދިވެހިރާއްޖެ އިޝްތިހާރުކުރާނެއެވެ. ޓްރެވެލޯކާގެ އެޕްލިކޭޝަންގެ ހޯމްޕޭޖްގައިވެސް ރާއްޖެ އިޝްތިހާރުކުރާނެއެވެ. މީގެއިތުރުން ޓްރެވެލޯކާ ވެބްސައިޓްގެ ލޭންޑިންގް ޕޭޖްގައި ދިވެހިރާއްޖޭގެ ރީތި މަންޒަރުތައް ދައްކައި، ރާއްޖެއަށް ޚާއްސަ ޕުޝް ނޮޓިފިކޭޝަންއެއް ހަދާ، ރާއްޖެއަށް ދަތުރުކުރުމަށް އިންސެންޓިވް ކޫޕަންތަކެއް ހަދިޔާކުރާނެއެވެ. އަދި ރާއްޖޭގެ މައުލޫމާތު ހިމެނޭ ދެ އާޓިކަލް އާއި ވީޑިއޯ ޓްރެވެލޯކާއިން ޕަބްލިޝްކުރާނެއެވެ.

މިކެމްޕެއިންގެ ޒަރިއްޔާއިން ރާއްޖެއަކީ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި މަންޒިލުގެ ގޮތުގައި އިޝްތިހާރުކުރާނެއެވެ. މިގޮތުން ރާއްޖޭގެ ރަށްތައް ގުދުރަތީ ގޮތުން އުފެދިފައިވާ ވަކިވަކިން ކަމުން މިތަނުން ފަތުރުވެރިންނަށް ލިބިދޭ ރައްކާތެރިކަމާއި އެކަހެރިކަން ޕްރޮމޯޓްކުރެވޭނެއެވެ. އަދި ރާއްޖޭގެ ޓްރެވަލް ގައިޑްލައިންތަކާއި، މައުލޫމާތު، ސައުތުއީސްޓް އޭޝިއާމާކެޓުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ފަތުރުވެރިންނާ ހިއްސާކުރާނެއެވެ.

އޮގަސްޓް 17 ގެ ނިޔަލަށް ދެކުނު އިރުމަތީ މާކެޓުން 181,22 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މި މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން އިތުރުކުރުމަށް އެމްއެމްޕީއާރުސީން ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. މީގެތެރޭގައި ޖޮއިންޓް މާކެޓިން ކެމްޕެއިން، އައުޓްޑޯ އެޑްވަޓައިޒިން ކެމްޕެއިންތަކާއި، ފެއަރތަކުގައި ބައިވެރިވުމުގެ އިތުރުން ވެބިނާތައް ކުރިއަށް ގެންދިއުމާއި، އީ-ލާނިން ޕްރޮގްރާމްތަކައި، އެހެނިހެން ހަރަކާތްތައް ހިމެނެއެވެ.