ކުޅިވަރު

ވެލިދޫ ޓާފް ދަނޑުގެ މަސައްކަތް ނިންމާލައިފި


ނ. ވެލިދޫގައި ސަރުކާރުން އެޅި ފެންވަރު ރަނގަޅު ޓާފް ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމާލައިފިއެވެ.

ވެލިދޫ ޓާފް ދަނޑުގެ މަސައްކަތް ނިމިފައިވާކަން އިއުލާން ކުރައްވައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދަނޑުތަކުގެ މަސައްކަތްކޮށްކޮށް ވަރުބަލިވެފައިވާ ކަމަށާއި، އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވައުދުވެވަޑައިގަން ވަރަށްވުރެ ގިނަ މަޝްރޫއުތައް ކުރިއަށްދާ ކަމަށެވެ.

ވެލިދޫ ޓާފް ދަނޑުގެ މަސައްކަތް ނިންމާލިއިރު، އެ ދަނޑުގެ ބިން އެއްވަރުކުމުގެ މަސައްކަތްކޮށްފައިވަނީ އާރްކޭއެލް ކުންފުނީންނެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 4.9 މިލިޔަން ރުފިޔާއަށެވެ. އަދި ޓާފް އެޅުމުގެ މަސައްކަތް ކޮށްފައިވަނީ ވީއޭއެމް އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުންނެވެ. އެ މަސައްކަތަށް 2.7 މިލިޔަން ރުފިޔާ ވަނީ ޚަރަދުވެފައެވެ.

ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ޓާފް ދަނޑު އެޅުން އެއީ ރައީސް ޞާލިޙުގެ ރިޔާސީ ވައުދުފުޅެކެވެ. މި ވައުދުގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ދަނޑުތަކެއް އަޅާފައިވާއިރު، މިހާރުވެސް ގިނަ ދަނޑުތަކެއްގެ މަސައްކަތް ކުރިއަށްދެއެވެ. އަދި 2023-2024 ގެ ފުޓްބޯޅަ ސީޒަން ހޯމް އެންޑް އަވޭ އުސޫލުން ބާއްވަން ފުޓްބޯލް އެސޯސިޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) މަސައްކަތްކުރަމުން އަންނައިރު، މި ދަނޑުތަކުގެ ސަބަބުން އެ މަސައްކަތަށް ލުއިތަކެއް ލިބިގެންދާނެއެވެ.