އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކުރިއަށްގެންދާ މައިލޯ އެސޯސިއޭޝަން ޗެމްޕިއަންޝިޕް 2022 ގެ ފުރަތަމަ ދުވަހު ކުރިއަށްދިޔަ އިވެންޓުތަކުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ދެ ރަން މެޑެލް ހޯދައިފިއެވެ.
ބުރާސްފަތި ދުވަހު މި މުބާރާތް ފެށިއިރު، ފުރަތަމަ ދުވަހު ސާއިދު ވަނީ ހަތަރެއް ގުނަ 400 މީޓަރުންނާއި، 100 މީޓަރު ދުވުމުން ރަން މެޑެލް ހޯދާފައެވެ.
ހަތަރެއް ގުނަ 400 މީޓަރު އިވެންޓުގައި ސާއިދު ހިމެނޭ ދިވެހި ސިފައިންގެ ކުލަބުން ދުވުން ނިންމީ 3 މިނެޓު 30 ސިކުންތުންނެވެ. ދެވަނައަށް ދިޔަ ސާއިދު ސްޕޯޓްސްއިން ރޭސް ނިންމީ 3 މިނެޓު 36 ސިކުންތުންނެވެ. އަދި ތިންވަނައަށް ދިޔަ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުން ރޭސް ނިންމީ 3 މިނެޓު 39 ސިކުންތުންނެވެ.
ސާއިދު ދެވަނަ މެޑަލް ހޯދީ ބުރާސްފަތި ދުވަހު ހަވީރު ކުރިއަށްދިޔަ 100 މީޓަރު ދުވުމުންނެވެ.
100 މީޓަރު ދުވުން ސާއިދު ނިންމީ 10.63 ސިކުންތުންނެވެ. ދެވަނައަށް ދިޔައީ ރައުހަތު ސްޕޯޓްސް އެކެޑަމީގެ އިބާދުﷲ އާދަމެވެ. އޭނާގެ ޓައިމިންއަކީ 10.76 ސިކުންތެވެ. އަދި ތިންވަނައަށް ދިޔައީ ރައުހަތު ސްޕޯޓްސް އެކެޑަމީގެ ނާހިލް ނިޒާރެވެ. އޭނާ ރޭސް ނިންމީ 11.03 ސިކުންތުންނެވެ.
މީގެ އިތުރުން ބުރާސްފަތި ދުވަހު ކުރިއަށްދިޔަ އަންހެނުންގެ 100 މީޓަރު ދުވުން ކާމިޔާބުކުރީ ރާއްޖޭގެ އެންމެ ބާރު އަންހެން ދުވުންތެރިޔާ އައިޝަތު ހިމްނާ ހަސަނެވެ.
ކުލަބު ރާވެރިޔާގެ ހިމްނާ ދުވުން ނިންމީ 12.25 ސިކުންތުންނެވެ. އަންހެނުންގެ 100 މީޓަރު ދުވުމުގެ ދެވަނައަށް ދިޔައީ ދަ ބްލެކް މާލިންގެ އަޙްނާ ނިޒާރެވެ. އޭނާގެ ޓައިމިންއަކީ 12.57 ސިކުންތެވެ. އަދި މި އިވެންޓުގެ ތިންވަނައަށް ދިޔަ އައިލެންޑް ރަނާސްގެ އައިޝަތު ޝަބާ ސަލީމުގެ ޓައިމިން އަކީ 13.07 ސިކުންތެވެ.
ބުރާސްފަތި ދުވަހުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް މި މުބާރާތް ކުރިއަށްދާއިރު، ހުކުރު ދުވަހު ސާއިދުގެ 200 މީޓަރު ދުވުން ކުރިއަށްދާނެއެވެ.