ޚަބަރު

ސިންގަޕޫރު ސަފީރުކަމަށް ތަސްމީން އައްޔަން ކުރައްވައިފި


ދިވެހިރާއްޖެއިން، ސިންގަޕޫރަށް ކަނޑައަޅުއްވާ ސަފީރުކަމުގެ މަޤާމަށް ހ.ރުވާމާގެ، އަޙްމަދު ތަސްމީން ޢަލީ މިއަދު ޢައްޔަނުކުރައްވައި، އެމަނިކުފާނަށް ސަފީރުކަމުގެ ފަތްކޮޅު ދެއްވައިފިއެވެ.

އަޙްމަދު ތަސްމީން ޢަލީއަށް، ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ފަތްކޮޅު ދެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

އަޙްމަދު ތަސްމީން ޢަލީއަކީ، އިނގިރޭސި ވިލާތުގެ، ޔުނިވަރސިޓީ އޮފް ވޯރިކްއިން އިކޮނޮމިކްސްގެ ދާއިރާއިން ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

އަޙުމަދު ތަސްމީން ޢަލީ، މީގެކުރިން ފުރުއްވާފައިވާ، މުހިއްމު ބައެއް މަޤާމްތަކުގެ ތެރޭގައި، މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ މަޤާމާއި، މިނިސްޓަރ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަންގެ މަޤާމާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމާއި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމު ހިމެނެއެވެ.