ކުޅިވަރު

ޗެމްޕިއަން ޗެލްސީ ބަލިކޮށް ހިންނަވަރުން ފެށުން ރަނގަޅުކޮށްފި


ހިންނަވަރު ފުޓްބޯލް ޗެމްޕިއަންޝިޕް 2022 ގައި އެންމެ ފަހުގެ ޗެމްޕިއަން ނައިފަރު ޗެލްސީ އެފްސީ ބަލިކޮށް ހިންނަވަރު ސްޕޯޓްސް ކުލަބުން ފެށުން ރަނގަޅު ކޮށްފިއެވެ.

ބުދަ ދުވަހު ހަވީރު ހިންނަވަރު ޓާފް ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

ޖުމްލަކޮށް މުޅި މެޗުގައިވެސް ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގެ ފުރަތަމަ ހާފުގައި ހިންނަވަރުގެ އެޓޭކުތައް ވަރުގަދަކޮށް ފެނިގެންދިޔައެވެ. އެއާއެކު މެޗުގެ 21 ވަނަ މިނެޓުގައި އަލީ އަޝްފާގު (ދަގަނޑޭ) ވަނީ ލަނޑެއް ޖަހައި، ހިންނަވަރަށް ލީޑު ނަގައިދީފައެވެ.

މި ލަނޑާއެކު ނައިފަރު ޗެލްސީ އެފްސީން ކުރިއަށް ޖެހި ލަނޑެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް، ހިންނަވަރުގެ ޑިފެންޑަރުން ވަނީ ނައިފަރުގެ ހަމަލާތައް ހުއްޓުވުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. މި މެޗުގެ ދެވަނަ ލަނޑު މެޗު ނިމެން ނުވަ މިނެޓަށްވެފައި ވަނިކޮށް ހިންނަވަރަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން ދަގަނޑޭއެވެ.

ފަސް ޓީމު ވާދަކުރާ މި މުބާރާތުގައި އެންމެ ފުރަތަމަ ކުރިއަށްދަނީ ލީގު ބުރެކެވެ. އެއަށްފަހު ލީގު ބުރުން އެއްވަނައަށްދާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭއިރު، ދެވަނަ އަދި ތިންވަނަ ޓީމަށް ޖެހެނީ ސެމީ ފައިނަލް ކުޅޭށެވެ.

މި މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކަކީ ކުލަބު އޭދަފުއްޓާއި، ބަޒޫކާ ސްޕޯޓްސް ކުލަބާއި، ވެލިދޫ އާއި، ނައިފަރު ޗެލްސީ އަދި ހިންނަވަރު ސްޕޯޓްސް ކުލަބެވެ.

މިދިޔަ އަހަރު މި މުބާރާތް ކުރިއަށް ގޮސްފައިވަނީ ހަމައެކަނި ޅަވިޔަނި އަތޮޅަށް ހުޅުވާލައިގެންނެވެ. އެކަމަކު މި ފަހަރު މި މުބާރާތުގައި ދައުވަތު ދީގެން ވަނީ ޒޯނުގެ އެކި އަތޮޅުތަކުންވެސް ޓީމުތައް ބައިވެރިވެފައެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭއިރު، ރަނަރަޕް ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ.