ޚަބަރު

އެސްއޯއެފްގެ އެކައުންޓްތައް އަލުން ފްރީޒްކޮށްދޭން އޭސީސީން އެދެނީ!


އެމް.އެމް.ޕީ.އާރް.ސީގެ ޚިޔާނާތުގެ މައްސަލައިގައި ޝާމިލްވާ އެސް.އޯއެފް ކުންފުނީގެ އެކައުންޓްތައް ދޫކޮށްލަން ސިވިލްކޯޓުން ކޮށްފައިވާ އަމުރު ބާތިލްކޮށް، އެކައުންޓްތައް އަލުން ފްރީޒް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް އޭސީސީން ފަށައިފިއެވެ.

ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިނގި އެންމެ ބޮޑު ޚިޔާނާތުގެ މައްސަލަކަމަށްވާ، އެމްއެމްޕީއާރުސީގެ ފައިސާގެ ޚިޔާނާތުގައި އެސްއޯއެފުން ވަނީ ގާތްގަނޑަކަށް 60 މިލިއަން އެމެރިކާ ޑޮލަރުގެ މުޢާމަލާތް އެކި ކުންފުނިތަކާއިއެކު ހިންގާފައެވެ. މި މުޢާމަލާތުގެ ތެރެއިން އެކުންފުނިން ވަނީ ބޭރުފައިސާ ގަނެ ވިއްކުމުގެ ލައިސަންސް ނެތި ރާއްޖޭގެ އެކި ފަންތީގެ ކުންފުނިތަކަށް ޑޮލަރު ވިއްކާފައެވެ.

އެސްއޯއެފްގެ އެކައުންޓުތައް ފްރީޒް ކޮށްފައިވަނީ 2018 ވަނަ އަހަރު ޓޫރިޒަމް މިނިސްޓްރީން އެދިގެންނެވެ. އޭރު ސިވިލް ކޯޓުން ކުރި އަމުރުގައި އެކުންފުނީގެ ހިއްސާދާރުން ކަމުގައިވާ މުހައްމަދު އައްލާމް ލަތީފް (މޮހޯ) އާއި އޭނާގެ ބައްޕަގެ ޕާސަނަލް އެކައުންޓު ހިމެނޭހެން 9 ކުންފުންޏެއްގެ އެކައުންޓުތައް ފްރީޒް ކޮށްފައިވެއެވެ.

އެސްއޯއެފްގެ އެކައުންޓުތައް ދޫކޮށްލަން ސިވިލް ކޯޓޫން އަމުރު ކުރުމުން އެކައުންޓްތައް އަލުން ފްރީޒް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް އޭސީސީން ދަނީ ކުރަމުންނެވެ. އޭސީސީގެ ސީނިއާ ކޮމިއުނިކޭޝަން އޮފިސަރ ނިޝާން މުހައްމަދު ދީދީ ވިދާޅުވީ އެސްއޯއެފްއެގެ އެކައުންޓުތައް ދޫކޮށްލަން ސިވިލްކޯޓުން އަމުރު ކުރި ހިސާބުން އެކައުންޓުތައް އަލުން ފްރީޒް ކުރުމުގެ އަމުރަކަށް އެދެން އެކޮމިޝަނުން ފުރިހަމައަށް ތައްޔާރުވެފައިވާކަމަށެވެ.

އެސްއޯއެފްގެ އެކައުންޓުތައް ދޫކޮށްލަން އަމުރުކުރީ ކޮންފަރާތަކުން އެދިގެންކަމެއް އަދި ސާފެއް ނުވެއެވެ. އޭސީސީން މަސައްކަތް ކުރަމުންދަނީ މިފެށޭ ހަފްތާގައި އެކައުންޓު ފްރީޒް ކުރުމަށްޓަކައި ހޯދަންޖެހޭ އަމުރު ހޯދުމަށެވެ.

މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެނގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ. އޭސީސީން މަސައްކަތް ކުރަމުންދަނީ ގެއްލިފައިވާ ނުވަތަ ވަގަށް ނަގާފައިވާ ފައިސާތައް އަނބުރާ ދައުލަތަށް ހޯދުމަށެވެ. ޚިޔާނާތުގެ މައްސަލައިގައި އިތުރު ދައުވާތަކެއް ކުރުމަށް ތައްޔާރުވަމުންދާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވަނީ ދާދިފަހުން ވިދާޅުވެފައެވެ.