ޚަބަރު

ޞިއްޙީ ދާއިރާ ރަނގަޅުކުރުމަށް މިއަހަރު ގިނަ މަސައްކަތްތަކެއް


ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރެއްވުމުގެ ގޮތުން، މިއަހަރުގެ ތެރޭގައި ފެންވަރު ރަނގަޅު ކެތުލެބަކާއި، ސްޕަރ ސްޕެޝިއަލިސްޓް ކިޑްނީ ސެންޓަރެއް އައިޖީއެމްއެޗްގައި ޤާއިމުކުރައްވައި، އާ ޚިދުމަތްތަކެއް ތަޢާރަފްކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީން މިހެން ވިދާޅުވީ، މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުއްވުމުގެ ރަސްމިއްޔާތުގައި މިއަދު ދެއްވި ރިޔާސީ ބަޔާނުގައެވެ.ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީން މިއަދު ދެއްވި ރިޔާސީ ބަޔާނުގައި ވިދާޅުވީ އައިޖީއެމްއެޗްގައި މިއަހަރު ޤާއިމުކުރައްވާ ކިޑްނީ ސެންޓަރުން ކިޑްނީ ޓްރާންސް ޕްލާންޓްގެ ޚިދުމަތް ފޯރުކޮށްދެއްވާނެ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގައި ކެންސަރާއި ކިޑްނީގެ ބަލިތަކަށް މެދުނުކެނޑި ދިގުމުއްތަށް ބޭސްފަރުވާ ކުރަންޖެހޭ މީހުންނަށް އިޖްތިމާޢީ ޞިއްޙީ އިންޝުއަރެންސްގެ ދަށުން، ދާއީމީގޮތެއްގައި ބޭސްފަރުވާ ލިބޭނެގޮތް ހަމަޖައްސަވައިދެއްވާފައިވާ ކަމަށް ވިދާޅުވިއެވެ. މިގޮތުން މިހާތަނަށް 23 މީހެއްގެ ކިޑްނީ ބަދަލުކޮށް، 5 މީހެއްގެ ލިވަރ ބަދަލުކޮށްދެއްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއިން ލިބެން ނުހުންނަ ޞިއްޙީ ޚިދުމަތްތަކަށް ރާއްޖެއިން ބޭރުގެ 31 ހޮސްޕިޓަލަކުން، ހުސްނުވާ އާސަންދައިގެ ދަށުން ފަރުވާ ދެމުންގެންދާކަންވެސް ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވިއެވެ.ރައީސުލްޖުމްހޫރިއްޔާ ދެއްވި ރިޔާސީ ބަޔާނުގައި ޞިއްޙީ ދާއިރާއިން ހޯއްދަވާފައިވާ ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުވާލައްވައި، ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ރާއްޖެއަކީ މެލޭރިޔާ ނައްތާލެވިފައިވާ ޤައުމެއްކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކަނޑައެޅުއްވައި، މިދިޔަ އަހަރު އެކަން އިޢުލާންކުރެއްވުމަކީ ޞިއްހީ ދާއިރާއިން ރާއްޖެއަށް ލިބުނު ވަރަށްބޮޑު ކާމިޔާބީއެއްކަމަށެވެ. މީގެ އިތުރުން އެންސްޕާ އަދި އާސަންދަ މެދުވެރިކޮށް ސްޕެޝަލިސްޓުންނާއި ސްޕަރ ސްޕެއަލިސްޓުންގެ ޚިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅަކަށް މިދިޔައަހަރު ފޯރުކޮށްދީ ހަ ހާހަށްވުރެ ގިނަ ބަލިމީހުން ބައްލަވާ ފަރުވާދެއްވާފައިވާކަމަށާއި، އަދި ހުރިހާ ރަށެއްގައި އާސައިންދައިގެ ޚިދުމަތްލިބޭ އެސްޓީއޯގެ ބޭސްފިހާރަތައް ޤާއިމުކުރައްވައި، މިބޭސްފިހާރަތަކުން ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ލިބެންފެށުން އެއީ ޞިއްޚީ ދާއިރާއިން ލިބުނު ބޮޑު ކުރިއެރުމެއްކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.