ޚަބަރު

ޕިނޯކިއޯގެ ލައިވް އެކްޝަން ފިލްމު އަންނަމަހު 8 ގައި ރިލީޒްކުރަނީ


ދޮގު ހެދީމާ ނޭފަތް ދިގުވާ ޑިޒްނީގެ މަޝްހޫރު ކްރެކްޓަރ "ޕިނޯކިއޯ" އަކީ ޑިޒްނީގެ އެންމެ ކާމިޔާބު އެއް ކަޓޫނެވެ. އެތައް ޒަމާނެއް ވަންދެން ކުޑަކުދިންގެ މެދުގައި މަޤުބޫލު މި ކާޓުންގެ ލައިވް އެކްޝަން ފިލްމެއް ގެނެސްދިނުމަށް ޑިޒްނީން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

ޑިޒްނީ ޕްލަސް އިން މިހާރު މިވަނީ މި ފިލްމުގެ އައު ޓްރައިލަރއެއްވެސް ބެލުންތެރިންނަށް ދޫކޮށްލާފައެވެ. މި ޓްރެއިލަރގައި ކާޓުނުން ފެނުނު މުހިއްމު ކެރެކްޓަރތައް ފެނެއެވެ. އޭގެތެރޭގައި "ބްލޫ ފެއަރީ" "ޖެފެޓޯ" ވެސް ހިމެނެއެވެ.


މި ފިލްމުގައި "ޕިނޯކިއޯ" އުފައްދާ މީހާ ނުވަތަ "ޖެފެޓޯ" ގެ ރޯލުން ފެންނަނީ އޮސްކާ އެވޯޑް ހާޞިލުކޮށްފައިވާ ޓޮމް ހޭންކްސްއެވެ. "ޕިނޯކިއޯ" ގެ ރޯލުން ފެންނާނީ ބެންޖަމިން އިވާން އެއިންސްވޯތް އެވެ. "ޖެފެޓޯ"ގެ ވިޝް ފުރިހަމަ ކޮށްދޭ "ބްލޫ ފެއަރީ" ގެ ރޯލުން ފެނިގެންދަނީ ސިންތިއާ އެރިވޯއެވެ. "އޮނެސްޓް" ގެ ރޯލުން ފެނިގެންދާނީ ކީގަން މިކެއިލް ކީއަށެވެ.

މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 8 ވަނަ ދުވަހު ޑިޒްނީ ޕްލަސްއިންނެވެ.

1940 ގައި ރިލީޒްކުރި "ޕިނޯކިއޯ" ކާޓޫނަކީ ޑިޒްނީ 2 ވަނައަށް އުފެއްދި އެންމެ ދިގު އެނިމޭޓް ކާޓޫން ފިލްމެވެ، އަދި މި ކާޓޫން ވެގެންގޮސްފައިވަނީ އޮސްކާގެ ގިނަ އެވޯޑްތަކެއް އުފުލާލި ކާޓޫނަކަށެވެ. އެގޮތުން ބެސްޓް އޮރޮޖިނަލް ސްކޯ، ބެސްޓް ސޯންގެ އޮސްކަރވެސް ވަނީ މި ކާޓޫނަށް ލިބިފައެވެ.