ޚަބަރު

ފުނަދޫގެ ރައްޔިތުންގެ އިންޖީނުގެ، 36 އަހަރު ފަހުން ފެނަކައަށް!


ށ.ފުނަދޫ ރައްޔިތުންގެ އިންޖީނުގެ ބެލެހެއްޓުން 36 އަހަރަށް ފަހު، ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ. ރަށަށް ކަރަންޓު ފޯރުކޮށްދިނުމުގެ ޚިދުމަތް މި މުއްދަތުގައި ކުރިއަށް ގެންގޮސްފައިވަނީ ރަށުގެ ރައްޔިތުންނާ ކައުންސިލްގެ ފަރާތުންނެވެ. އިންޖީނުގެ ފެނަކައާ ހަވާލުކުރުމަށް އެރަށުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އެންވަޔަރަމަންޓް މިނިސްޓަރ އާމިނަތުު ޝައުނާއެވެ.

ފުނަދޫ ކައުންސިލްގެ އަޙުމަދު އިބްރާޙިމްފުޅު ވިދާޅުވީ ކައުންސިލްގެ މި ނިންމުމަކީ، ރަށްރަށުގައި ފެނަކައިން ދެމުންދާ ފުރިހަމަ ޚިދުމަތުގެ އިތުބާރުގެ މައްޗަށް ނިންމި ނިންމުމެއްކަމަށެވެ. އަދި ކުރިމަގުގައި ދެމެހެއްޓެނިވި ޒަމާނީ ޚިދުމަތުގެ ތެރެއިން ރަށުގެ އިންޖީނުގެ ހިންގުމުގެ ފޮނި އުއްމީދުގައި ކުރި މަސައްކަތެއްކަމަށެވެ.

ފެނަކައާއި ފުނަދޫ އިންޖީނުގެ ހަވާލުވުމާއެކު، އިންޖީނުގޭގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރަން ކުރަންޖެހޭ މަސައްކަތްތައް އެ ކުންފުނިން ވަނީ ފަށާފައެވެ. މި މަސައްކަތުގެ ދަށުން ރަށުގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް 600 އަދި 800 ކިލޯވޮޓްގެ އިންޖީނެއް މިހާރުވަނީ ރަށަށް ގެންގޮސްފައިވާކަމަށް ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދު ވިދާޅުވިއެވެ. މި އިންޖީނު އިންސްޓޯލްކުރުމުގެ މަސައްކަތްތައްވެސް މިހާރުވަނި ފަށާފައެވެ.

މިއާއެކު ރަށުން ކަރަންޓު ކެނޑޭ މައްސަލަ ޙައްލުވެ، މެދުނުކެނޑި ޚިދުމަތް ދިނުމުގެ މަގު ފަހިވާނެކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.


އިންޖީނުގެ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވީ ރާއްޖޭގެ ކަރަންޓުގެ ޚިދުމަތް ދިނުމުގައި ފެނަކައަށް ފުރިހަމަ އިތުބާރު އެބައޮތްކަމަށެވެ. ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް މަސައްކަތްތައް ކުރިއަށްގެންދިއުމުގައި މުހިންމު ދަޢުރެއް އަދާކުރާ ކުންފުންޏެއްކަމަށެވެ.

ޝައުނާ ވިދާޅުވީ ކުރިމަގުގައި ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތަކީ އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ފުޅާކުރުންކަމަށެވެ. އެ މަގަން ކުރަމުންދާ މަސައްކަތްތައްވެސް ކާމިޔާބުކަމަށެވެ. ވޭތުވެދިޔަ 3 އަހަރު 36.5 މެގަވޮޓްގެ ސޯލާ ޤާއިމުކޮށްފައިވާކަމަށެވެ.

ސަރުކާރުން ޢަމާޒު ހިފާފައިވަނީ 2023ވަނަ އަހަރު ނިމޭއިރު މި އަދަދު 51މެގަވޯޓަށް އިތުރުކުރުމަށްކަމަށެވެ.

ފެނަކައަކީ އަތޮޅުތަކުގެ ގިނަ ރަށްތަކުގައި ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ކުންފުންޏެވެ. އެގޮތުން މިހާރުވެސް 153 ރަށުގައި ޚިދުމަތް ދެމުން އާދެއެވެ. މީގެތެރޭގައި ފެނަކައިގެ ބެލެހެއްޓުމުގެ ދަށަށް ބަދަލުކުރި، ރައްޔިތުންގެ އިންޖީނުގެތަށް ހިމެނެއެވެ.