ކުޅިވަރު

މިފަހަރުގެ ގޭމްސް ހުސްއަތާ ދިވެހިން ނިންމައެްއް ނުލާނެ - ޝަކީބް


އިންޑިޔާގެ ގުވަހަޓީ އަދި ޝިލޮންގގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ ސައުތު އޭޝިއަން ގޭމްސްގައި އުއްމީދަކީ ގިނަ މެޑަލްތަކަކާއިއެކު ގޭމްސް ނިންމާލުންކަމަށް އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ވައިސް ޗެއަރމަން އަހުމަދު ޝަކީބް ވިދާޅުވެެއްޖެއެވެ. އިންޑިއާގެ ގުވަހަޓީގައި ހުރެ ނޫސްވެރިންނާއި ވާހަކަދައްކަމުން އަހުމަދު ޝަކީބް ވިދާޅުވީ ކޮންމެ ގޭމްސްއަކަށްވެސް ދިވެހި ކޮންޓިންޖެންޓް އަންނަނީ ގައުމަށް ރީތި ނަން ހޯދައިދޭންކަމަށާއި، ފަހަކަށް އައިސް ދިވެހި ޓީމްތަކުން ގޭމްސްއަށް އައިސް ހުސްއަތާ ނިންމާލަން ނުޖެހޭކަމަށެވެ. ގޭމްސްތަކުގައި މެޑަލް ހޯދަން ދިވެހި ޓީމްތަކަށް އުނދަގޫވާ ސަބަބަކީ ދިވެހިރާއްޖޭގައި އެކަށީގެންވާ ވަސީލަތްތައް ނެތުންކަމަށާއި، ގޮންޖެހުންތަކާއިއެކުވެސް ދިވެހި ޓީމްތައް އެކަށީގެންވާ ނަތީޖާތަކެއް ނެރޭ ޝަކީބް ފާހަގަކުރެއްވިއެވެ."ކޮންމެ ގޭމްސްއަކަށްވެސް ދިވެހި ޓީމް އަންނަނީ ޤައުމަށް ރީތި ނަން ހޯދައިދޭން. މިފަހަރުގެ ގޭމްސްގައިވެސް މެޑަލްތަކެއް ދިވެހި ޓީމް ހޯދާނެކަމަށް އުއްމީދުކުރަން" ޝަކީބް ވިދާޅުވިއެވެ.މިފަހަރުގެ ގޭމްސްގައި ދިވެހި ފުޓްބޯޅަ ޓީމްގެ އަމާޒަކީ މެޑަލްއަކާއިއެކު ނިންމާލުންކަމަށާއި، އެންމެ އެކަށީގެންވާ ވަރަށް މުބާރާތަށް ތައްޔާރު ނުވެވުނު ކަމުގައިވިޔަސް ދިވެހި ޓީމް ރަނގަޅު ނަތީޖާތަކެއް ނެރޭނެކަމަށް އުއްމީދުކުރައްވާކަމަށް ޝަކީބް ވިދާޅުވިއެވެ. ދިވެހި ފިރިހެން ފުޓްބޯޅަ ޓީމް އިންޑިޔާގެ ގުވަހަޓީއަށް އައިސްފައިވަނީ މިއަދު ހަވީރުއެވެ.