ޚަބަރު

ޕްލެޓްފޯމް ދެ ދުވަސްތެރޭ ނެގޭނެ، ފަރަށް ލިބުނު ގެއްލުން އީޕީއޭއިން ބަލާނެ


ވިލިމާލެ ފަރަށް އަރާފައިވާ ޕްލެޓްފޯމް 2 ދުވަހުގެތެރޭގައި އެތަނުން ނަގާނެކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރ އެފްކޮން އިންފާރސްޓްރަކްޗަރ ލިމިޓެޑުން ބުނެފިއެވެ.

ތިލަމާލެ ބްރިޖުގެ ޖިއޯ ޓެކްނިކަލް ދިރާސާތަކަށް ގެނެފައިވާ "ސެލްފް އެލެވޭޓިން ޕްލެޓްފޯމް" ވިލިމާލެ ފަރަށް އަރަން ދިމާވީ ވައިގަދަވުމާއި ރާޅު ބޮޑުވެ މޫސުން ގޯސްވެގެންކަމަށް އެ ކުންފުނިން ނެރެފައިވާ ނޫސް ބަޔާނެއްގައި ވަނީ ބުނެފައެވެ. އެވަގުތު އެ ޕްލެޓްފޯމްގައި އެ ކުންފުނީގެ 11 މުވައްޒަފުންތިބިކަމަށާއި، ހާދިސާ ހިނގުމާއެކު އެމީހުން ސަލާމަތްކުރިކަމަށް އެކުންފުނިން ބުނެއެވެ. ހާދިސާ ހިނގީ އެ ސަރަޙައްދުގައި ޕްލެޓްފޯމް އެޅާފައި ބޭއްވުމަށް މަސައްކަތް ކުރަމުންދަނިކޮށްކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ނަމަވެސް މިހާރު ކަންބޮޑުވުން އުފެއްދިފައިވަނީ ފަރަށް އަރާފައިވާ ޕްލެޓްފޯމް އަދިވެސް އެ ސަރަޙައްދުން ނުނެގި، ވިލިމާލެ ފަރަށް އޭގެ ގެއްލުން ކުރިމަތިވަމުންދާތީއެވެ. ރާޅާޖެހުމުގެ ސަބަބުން، ޕްލެޓްފޯމްގައި ޖަހާފައިވާ ތަނބުތައްވެސް ވަނީ ވެއްޓި ފަރަށް އިތުރު ނުރައްކަލަކާ ކުރިމަތިވެފައެވެ.

ޕްލެޓްފޯމް ނެގުމަށް ކުރަމުންދާ މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށްބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕްލޭނިން މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖަރ މުޙައްމަދު ޖިނާން ވިދާޅުވީ އެފްކޮންއިން ފުރަތަމަ މަސައްކަތްކުރީ، ޕްލެޓްފޯމް ފަރުމައްޗަށް އެރިޔަ ނުދޭން 2 ޓަގު ބޯޓު ބޭނުންކޮށްގެން ޕްލެޓްފޯމް ހިފެހެއްޓުމަށްކަމަށެވެ.

ނަމަވެސް ޕްލެޓްފޯމްގެ ބައެއް ބިންގަނޑަށް ހަރުލާފައިވާތީ އެކަން އެގޮތަށް ނުކުރެވުމުން، މިހާރު މަސައްކަތް ކުރަމުންދަނީ ހަރުލާފައިވާ ބައި، ފަރަށް ވީހާވެސް ގެއްލުން ކުޑަވަނެގޮތަށް ނެގުމަށްކަމަށެވެ.

ޖިނާން ވިދާޅުވީ މީގެކުރިންވެސް ވިލިމާލެ އިރު ދެކުނުގައި، ޕްލެޓްފޯމް އެންކަރ ކޮށްގެން އެފްކޮންއިން މަސައްކަތްތައް ކޮށްފައިވާކަމަށެވެ. މިފަހަރުގެ ޙާދިސާ ހިނގަން މެދުވެރިވީ މޫސުން ގޯސްވެގެންކަމަށެވެ.

"މިހާރު މިކަމުގައި 2 ޓަގު އަދި ކެރޭން ބާޖެއްވެއް އެބަ މަސައްކަތް ކުރޭ. 2 ދުވަސްތެރޭ ޕްލެޓްފޯމް ނެގޭނެކަމަށް ކޮންޓްރެކްޓަރ މަޢުލޫމާތުދެނީ." ޖިނާން ވިދާޅުވިއެވެ.

މި ޙާދިސާއާއި ގުޅިގެން ޕްލޭނިން މިނިސްޓްރީއާއި އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އީޕީއޭ އަދި ބްރިޖް ކޮންޓްރެކްޓަރ އެފްކޮންއާއިއެކު ވަނީ ބައްދަކުވުމެއްވެސް ބާއްވާފައެވެ.

އީޕީއޭއިން ވިދާޅުވެފައިވަނީ ޕްލެޓްފޯމް އެތަނުން ނެގުމާއެކު، ވިލިމާލެ ފަރަށް ލިބުނު ގެއްލުން ދެނެގަތުމުގެ މަސައްކަތް ފަށާނެކަމަށެވެ.

ޕްލޭނިން މިނިސްޓްރީން ވިދާޅުވީ، ޕްލެޓްފޯމް ފަރަށް އެރުމުގެ ޙާދިސާއާއި ގުޅިގެން ޕްރޮޖެކްޓްގެ ޓައިމްލައިނަށް އެއްވެސް ލަސްވުމެއް ނާންނާނެކަމުގެ ޔަގީންކަން ކޮންޓްރެކްޓަރު ދޭކަމަށެވެ.