ޚަބަރު

މުލަކާއި އުނގޫފާރު ގޮނޑުދޮށް ހިމާޔަތްކުރުމާއި، މަޑުއްވަރީ ބަނދަރުގެ މަސައްކަތް އެމްޓީސީސީއަށް!


މ.މުލަކު އަދި ރ.އުގޫފާރު ގޮނޑުދޮށް ހިމާޔަތްކުރުމާއި، މ.މަޑުއްވަރީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މ.މަޑުއްވަރީ ބަނދަރު ތަރައްޤީކުރުމާއި މ.މުލަކު އަދި ރ.އުގޫފާރު ގޮނޑުދޮށް ޙިމާޔަތްކުރުމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޕަރމަނަންޓް ސެކްރެޓަރީ ޒީނިއާ އަޙުމަދުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޢާދަމް އާޒިމްއެވެ.

މ.މުލަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، އެރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތެވެ. މި މަސައްކަތުގެ ދަށުން 343 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 539 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮއްޓެއްލުމާއި ގިރާ ސަރަޙައްދުގެ ގޮނޑުދޮށަށް ވެލި އަޅާ އެތަން އިއާދަކުރުން ހިމެނެއެވެ. މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 38.9 މިލިއަން ރުފިޔާއަށް، 15 މަސް ދުވަހުން ނިންމާގޮތަށެވެ.

ރ.އުނގޫފާރުގެ ގޮނދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުއަކީ ޑިޒައިން އެންޑް ބިލްޑް އުސޫލުން މުޅިން އަލަށް އެރަށުގައި ފަށާ މަސައްކަތެކެވެ. މި މަޝްރޫޢުގެ ދަށުން 120 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮއްޓެއް ލުމާއި 110 މީޓަތުގެ ބޮޑުހިލައިގެ ގްރޮއިންސް ޖެހުން ހިމެނެއެވެ. އަދި ގިރާފައިވާ ސަރަޙައްދަށް ވެލި އަޅާ، އެ ސަރަޙައްދު އަލުން އިއާދަކުރުން ހިމެނެއެވެ. މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 11.1 މިލިއަން ރުފިޔާއަށް، 6 މަސް ދުވަހުން ނިންމާގޮތަށެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރި އަނެއް މަޝްރޫޢަކީ މ.މަޑުއްވަރީ ބަނދަރު އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތެކެވެ.

މި މަސައްކަތުގައި ހިމެނެނީ ބަނދަރާއި ބަނދަރަށް ވަންނަ ނެރު ފުންކުރުމާއި، 600 މީޓަރުގެ ބޮޑު ހިލައިގެ ބޭރު ތޮއްޓެއްލުމާއި 122 މީޓަރުގެ ރިވެޓްމަންޓް ޖެހުމެވެ. ބޭރު ތޮށި ހަދާނީ 92000 ކިއުބިކް މީޓަރުގެ ވެލި އަޅާ، ވެލިގަނޑު ވަށައިގެން ބޮޑު ހިލަ ޖައްސާގޮތަށެވެ. މިއީ ރާއްޖޭގައި މުޅިން އަލަށް ބަނދަރުތައް ތަރައްޤީކުރަން ފެށި ގޮތެކެވެ. މިއާއެކު ބޭރު ތޮށި ހެދުމަށް ވެލި އަޅާ އެތަން ހިއްކާ، އެތަނަކީ އާއްމުންނަށް ހިތްފަސޭހަކޮށްލުމަށް ބޭނުންކުރެވޭ ތަނެއްގެ ގޮތުގައި ހަދައެވެ. މިހާރުވެސް މަދު ރަށްތަކެއްގެ ބޭރު ތޮށި މިގޮތަށް ހަދާފައިވެއެވެ.

މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ 16 މަހުން ނިންމާގޮތަށް، 51 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.